އިންވެސްޓްމަންޓް ފަންޑުތަކަމާއި އެއްގޮތައް ހިންގި އަދި ހިިންގަމުން ގެންދާ އިންތިޒާމްތަކުގެ ސަބަބުން އެތައް ބައެއްގެ އަތުން އެތައް ލައްކަ ރުފިޔާއެއް ގެއްލިފައި ވަނިކޮށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވައިދަށް މާއްދާތަކެއް އިއްޔެ އިތުރުކޮށްފިއެވެ.

ގަވައިދަށް އަލަށް ގެނައި މާއްދާތަކުގެ ތެރޭގައި އިންވެސްޓްމަންޓް ފަންޑް ވަނީ އިތުރަށް މާނަކޮށްފައެވެ.

ގަވައިދުގައި މިހާރު ބުނެފައިވާ ގޮތުގައި އެެއް ފަރާތަށްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާ ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަކަށް އިންވެސްޓްކޮށް، ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން، ނުވަތަ އެފަދަ އެހެން ގޮތަކުން ނަމަވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލީ ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގުސަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދޭ ކޮންމެ ފަރާތަކާ އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓް ކުރުމުގެ އެއްބަސްވުމެއް ނުވަތަ މުޢާމަލާތަކީ އިންވެސްޓްމަންޓް ފަންޑެއް ކަމަށެވެ.

ސީއެމްޑީއޭ ގައި ރަޖިސްޓަރ ނުކޮށް ހިންގާ ފަންޑު ފަދަ އިންތިޒާމެއް އެއީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރ ކުރަންޖެހޭ އިންވެސްޓްމަންޓެއްކަމަށް ކަނޑައެޅުމުގެ ބާރު ސީއެމްޑީއޭ އަށް ލިބިގެންވާކަމަށް ބުނެވެސް އާމާއްދާއެއް ގަވައިދަށް ވަނީ އިތުރު ކޮށްފައެވެ.

ފަންޑު ރަޖިސްޓްރީ ކުރަން އެންގުމުގެ ކުރިން ބަލަން ޖެހޭ ފަސް ކަމެއް ގަވައިދުގައި ބުނެފައި ވެއެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ އިންތިޒާމު ހިންގާގޮތަށް ބަލާއިރު އިންވެސްޓްމަންޓް ފަންޑެއްގެ ސިފަތައް ހުރިކަމަށް ސީއެމްޑީއޭއަށް ގަބޫލުކުރެވުމެވެ. އޭގެ އިތުރުން އެފަދަ އިންތިޒާމެއްގައި އިންވެސްޓްކުރުމަށް އާންމުކޮށް ހުޅުވައިލައިފައި ހުރިކަމަށް ސީއެމްޑީއޭއަށް ގަބޫލުކުރެވުމާއި އެފަދަ އިންތިޒާމެއް އާންމުކޮށް އިސްތިހާރުކުރާކަމަށް ސީއެމްޑީއޭއަށް ގަބޫލުކުރެވުން އެއީ ވެސް ރަޖިސްޓްރީ ކުރަން އެންގިދާނެ ސަބަބެކެވެ.

އޭގެ އިތުރުން އެފަދަ އިންތިޒާމެއްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އަދަދު 50 އަށްވުރެ އިތުރުކަމަށް ސީއެމްޑީއޭ އަށް ލިބޭ މަޢުލޫމާތަށް ބަލާއިރު ބެލެވެން އޮތުން އަދި މިކަންކަމުގެ އިތުރުން ވެސް ސީއެމްޑީއޭ އަށް ފެންނަ އެހެނިހެން ކަންކަމަށް ރިޢާޔަތް ކުރެވިދާނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.

ގަވައިދަށް ގެނައި ބަދަލުތަކަށް އިއްޔެ އިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ.