ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް "އާޔާ" މިއަދު ތައާރަފްކޮށްފިއެވެ.

"އާޔާ" ތައާރަފްކޮށްފައިވަނީ މިއަދު ބީއެމްއެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ބީއެމްއެލްއިން ބުނީ "އާޔާ" އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖާ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެއް ކަމަށެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ 'އާޔާ' އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެވި، ކަސްޓަމަރު ބޭނުންވާނަމަ ކަސްޓަމާ ސަރވިސް އޭޖަންޓަކަށްވެސް ޗެޓް ޓްރާންސްފާ ކޮށްދޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ފަދަ ބްރޭންޑްތަކާ ކަސްޓަމަރުން މުއާމަލާތް ކުރުމަށް ބޭނުންވާނީ އެފަރާތެއް ހިޔާރުކުރާ ޗެނަލެއް މެދުވެރިކޮށް ކަމަށެވެ. އެކި ޗެނަލްތައް މެދުވެރިކޮށް ސްމާޓްކޮށް މުއާމަލާތްކުރުމަށް 'އާޔާ' ފަރުމާކޮށްފައިވަނީ ޖެނެރޭޓިވް އޭއައި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ބީއެމްއެލްގެ ކަސްޓަމަރުންނަށް އަވަހަށް ޖަވާބުދެވި، މައްސަލަ ހައްލުވެ ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

 

" ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ބޭންކަށް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތަކަކީ އަވަސް، ޒަމާނާ ގުޅޭ، ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އަޅުގަނޑުމެންގެ އިންވެސްޓްމަންޓްގެ ނަތީޖާ މިހާރުވެސް މިދަނީ ފެންނަމުން. އެގޮތުން، 2022 ވަނަ އަހަރު ހިދުމަތުގެ ފެންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް %40 ވަނީ ރަނގަޅުވެފައި." ކާލް ވިދާޅުވި އެވެ.

ކާލް ވިދާޅުވީ ބީއެމްއެލްގެ ހިދުމަތް ހޯދުމަށް ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު މިވަނީ ދެބައިކުޅައެއްބަޔަށްވުރެ ބޮޑަށް ދަށްކުރެވިފައި ކަމަށެވެ. އެހެންނަމަވެސް، އަދިވެސް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށްދޭ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކާލް ވިދާޅުވި އެވެ.

ބީއެމްއެލްއިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ދަނީ މަސައްކަތް ކުރަމުން ނެވެ. ބީއެމްއެލް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ދިރާގު *123# ޖަހައިގެންވެސް ތިކަން ކުރެވޭނެ. އޭ އައި ކިޔާގެން އޭއައި ގެ އަގު ވައްޓާނުލާ.