ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު އާޓިފިޝަލް އިންޓެލިޖެންސް ޗެޓް ބޮޓް، ޗެޓްޖީޕީޓީއަށް ފައިސާ ދެއްކުން ބޭންކް އޮފް މޯލްޑިވްސްއިން ބްލޮކްކޮށްފި އެވެ.

އެކަމާ ގުޅޭ ގޮތުން ބީއެމްއެލްއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ޗެޓްޖީޕީޓީ އަށް ފައިސާ ދެއްކުން ބްލޮކްކުރީ ކަސްޓަމަރުންގެ އެކައުންޓްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

ބީއެމްއެލްއިން ބުނީ އޮޅުވާލައިގެން ހަދާފައިވާ ޓްރާންސެކްޝަސްތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު ކަސްޓަމަރުންގެ މައުލޫމާތުތައް ޗެޓްޖީޕީޓީއިން ލީކުވުން އިތުރުވެސް ވަމުންދާ ކަމަށެވެ.

ބޭންކުން ބުނީ އަބަދުވެސް އެންމެ ބޮޑަށް އިސްކަން ދޭނީ ކަސްޓަމަރުންގެ އެކައުންޓްތައްތައް ރައްކާތެރި ކުރުމަށް ކަމަށެވެ. އެހެންކަމުން ޗެޓްޖީޕީޓީއަށް ފައިސާ ދެއްކުން ވަގުތީ ގޮތުން ބްލޮކްކޮށްފައިވާ ކަމަށެވެ. ޗެޓްޖީޕީޓީއަށް ފައިސާ ދެއްކުން ބްލޮކް ކުރުމުން ލިބިދާނެ އުނދަގުލަކަށް މާފަށް އެދޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ޗެޓްޖީޕީޓީ އަށް ދުނިޔޭގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އިރު އެ ބޮޓް ބޭނުންކޮށްގެން މަޒުމޫނުތައް ލިއުމާއި އެސައިންޓްމަންޓްތައް ލިޔެ އަދި ސޮފްޓްވެއާ ކޯޑުތަކާއި އަދި އެކިއެކި ޑިޒައިންތައް ވެސް ވަރަށް ފުރިހަމައަށް ކޮށްލެވެ އެެވެ. އަދި ދިވެހި ބަހުން ވެސް ކޮމާންޑްތައް ދީ ސުވާލުވެސް ކުރެވެއެވެ.

އެހެން ނަމަވެސް ޗެޓްޖީޕީޓީގެ ސަބަބުން އެކެޑެމިކް ދާއިރާގައި މަކަރު ހެދުން ފަދަ ކަންކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބުނެ ތައުލީމީ އިސް ބޭފުޅުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޗެޓްޖީޕީޓީ ނެރުނީ މިދިޔަ އަހަރު ނޮވެމްބަރުމ މަހު އެވެ. މިވީ ކުޑަދުވަސް ކޮޅުގެ ތެރޭގައި 100 މިލިއަން މީހުން އެ ބޮޓް ދަނީ ބޭނުންކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އޯޕޯ

    ދުނިޔޭގެ އެހެން ބޭންކުތަކުންނެއް ތިހެނެއް ނަހަދާ. އަދި ޗެޓް ޖީޕީޓީގައި ޑޭޓާލީކްވެފައިވާކަމުގެ އެއްވެސް ޚަބަރެއް ނެތް އިރު ތިއީ ކޮންބަހަނާއެއް.

    7
    1
    • ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

      ކަލޭވެސްތީ ވަގެއްދޯ! ރައްޔަތުންގެ އެކައުމްޓްތައް ލޫޓުވާ،!

    • ހަސަން

      އަހަރެންގެ އަންހެނުންގެ އެކައުންޓުން އެބައޮތް، މަކަރާއި ހީލަތުން 3 ފަހަރަށް އެތަނަށް ފައިސާ ކަނޑާފައި. އަހަރެމެންގެ ޢާއިލާގެ އެއްވެސް މީހަކު އެތަނަކުން އެއްވެސް ޚިދުމަތެއް ނުހޯދަން. މި މައްސަލަ މިހާރުވާނީ ބޭންކަށް ހުށަހަޅައި، ކާޑިވެސް ބްލޮކްކޮށްފައި.

  2. އިމާ

    ބެންކު އަދިވެސް މިއުޅެނީ 1980 ގަ

  3. Anonymous

    ؟؟؟؟