ނިމިގެން ދިޔަ މެއި މަސް ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފިއެވެ.

މިއީ ފަތުރުވެރިކަމުގެ ލޯ ސީޒަނެވެ. އެގޮތުން މީގެ ކުރިން ދުވާލަކު 5،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނަމުންދިޔަ ރާއްޖެއަށް މެއި މަހުގެ ދުވަސްތަކުގައި އައިސްފައި ވަނީ 4،000 އެއްހާ ފަތުރުވެރިންނެވެ

މިގޮތުން މި އަހަރު މެއި މަހު ރާއްޖެ އައިސްފައި ވަނީ 120،960 ފަތުރުވެރިންނެވެ. މިއީ 2022 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާކިޔާއިރު -3.6 އިންސައްތައިގެ ދަށް ވުމެކެވެ. 2022 ގައި އެ މަހު ރާއްޖެ އައިސްފައި ވަނީ 125،528 ފަތުރުވެރިންނެވެ. 2021 އަކީ ކޮވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އަނެއްކާވެސް ފެށިގެން ރަނގަޅު ވަމުން އައު ދުވަސްވަރު ކަމުން އެ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 64،613 ފަތުރުވެރިންނެވެ.

މެއި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް ދަށްވި ނަމަވެސް މި މަހުގެ ފުރަތަމަ ފަސް މަހު ރާއްޖެ އައު ފަތުރުވެރިންގެ އަދަދު ވަނީ 800،000 ހުރަސްކޮށްފައެވެ. އެގޮތުން މި އަހަރު މިހާތަނަށް 809،245 ފަތުރުވެރިން ރާއްޖެ އައިއިރު، 2022 ގެ މި މުއްދަތުގައި އައިސްފައި ވަނީ 702،322 ފަތުރުވެރިންނެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަކީ ރަޝިޔާއެވެ. އެ ގައުމުން 94،213 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެ ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާއިން އައިސްފައި ވަނީ 93،879 އެވެ. އެ ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައިސްފައި ވަނީ 73،373 ފަތުރުވެރިންނެވެ.

ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ރާއްޖެ އަންނަން ފެށި ޗައިނާ މާކެޓްގެ ފަތުރުވެރިންގެ އަދަދުތައް 46،393 އަށް އަރާފައިވާއިރު، އެ ގަައުމު އޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    މަށަށް ހެޔޮ ނަޔަސް. ރައްޔިތަކަށް ލިބޭ ޑޮލަރެއް ނެތް.