ދިރާގާއި މޯލްޑިވްސް ފުޑް ކަރނިވަލް ގުޅިގެން ފޯރިގަދަ ކާރނިވަލް ހަފްތާއަކަށް ތައްޔާރީތައް ވާން ފަށައިފިއެވެ.

އެގޮތުން ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ މި ކުލަގަދަ އިވެންޓްގެ މެއިން ސްޕޮންސަރގެ ގޮތުގައި ދިރާގު ވަނީ ސޮއިކޮށްފައެވެ.

މޯލްޑިވްސް ފުޑް ކަރނިވަލަކީ ތަފާތު ކާބޯތަކެއްޗާއި ކަލިނަރީ ޕްރޮޑަކްޓްތައް ދައްކާލުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މިއުޒިކާއެކު ބާއްވާ 5 ދުވަހުގެ ކަރނިވަލެކެވެ.

މި ކަރނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައި 20 ން 24 ޖޫންގެ ނިޔަލަށެވެ. ކަރނިވަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި "ބިރުވެރި ހޮހަޅަ"، ތަފާތު ދިވެހި ފަންނާނުނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއް އަދި ކަލިނަރީ މުބާރަތްތަކެއް ހިމެނެއެވެ. މީގެ އިތުރުން ގިނަ ކާބޯތަކެތި ވިއްކާ ފަރާތްތައްވެސް އެފަރާތްތަކުގެ ޕްރޮޑަކްޓްތައް ދައްކާލާ ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކަރނިވަލް ތެރޭގައި އަރޓިސަން މާކެޓް، ފުޑް ސްޓްރީޓް، ޓީ އެންޑް ކޮފީ ފެސްޓިވަލް އަދި ޓޭސްޓް ދަ ވޯލްޑް އަށް ބަހާލެވިގެން ސްޓޯލްތައް ހުންނާނެއެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ، މޯލްޑިވްސް ފުޑް ކަރނިވަލްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޮއިކޮށް، މި ކުލަގަދަ އިވެންޓް އާންމުނާއި ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަަށެވެ.

"ދިވެހި އަދި ބޭރުގެ ތަފާތު ފަރާތްތަކުގެ ކާބޯތަކެތި ދިރާގު ފުޑް ސްޓްރީޓް އަދި އެހެނިހެން ސްޓޯލްތަކުންވެސް ލިބިވަޑައިގަންނަވާނެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް 20 ން 24 ޖޫންގައި ހުޅުމާލެ ސެންޓްރަލް ޕާރކަށް ޒިޔާރަތްކޮށްލައްވާ،". އޭނާ ވިދާޅުވިއެވެ.

ތިންކް އެސޯސިއޭޓްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަދީލް އިސްމާއިލް ވިދާޅުވީ، ކުރިން ނުފެންނަ ފަދަ ތަފާތު ކާބޯތަކެތީގެ ތަޖުރިބާތަކެއް ތިޔަ އެންމެންނަށް ލިބިގެން ދާނެ ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާއިއެކު އެކި ޝެފުންނާއި ވިޔަފާރިތަކާއި ދިވެހި ފަންނާނުންނާއި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުން،" ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖްތިމާޢީ ހަރަކާތްތަކަށް އެއްބާރުލުންދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު