ރާއްޖޭން ބޭރުން ބޭންކިންގ އަދި ފައިނޭންސް ގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ކުދިންނަށް ހާއްސަ ކޮށްގެން ބީއެމްއެލުން ސްކޮލާޝިޕް ދިނުމަށް "ބީއެމްއެލް ސްކޮލާޝިޕް ފަންޑް" ތައާރަފް ކޮށްފިއެވެ.

ބީއެމްއެލްގެ މި ފަންޑަކީ އެ ބޭންކަށް 40 އަހަރު ފުރުމާ ގުޅިގެން ކުރަން ނިންމާފައިވާ މުޖުތަމައުއަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ.

ބީއެމްއެލުން ބުނީ، "ބީއެމްއެލް ސްކޮލާޝިޕް ފަންޑް"ން ހަރަދުކޮށްގެން ކޮންމެ އަހަރަކު ތިން ދަރިވަރުންނަށް ރާއްޖެއިން ބޭރަށް ކިޔަވަން ފޮނުވަން ބޭންކުން ސްކޮލާޝިޕް ދޭނެ ކަމަށާއި މި ސްކޮލާޝިޕުގެ ތެރޭގައި ކިޔެވުމުގެ އިތުރުން ހުރުމުގެ ހަރަދު ވެސް ހިމެނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، މި އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު، މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެސް ވެގެންދާނެ ކަމަށާއި މި ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ކޮންމެ މަހަކު ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކެއް. މި ހަރަކާތްތަކުގެ ތެރެއިން މިއަދު ފުރަތަމަ މި އިއުލާން ކުރެވެނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑް. އަދި މި ހަރަކާތުގެ ޒަރިއްޔާއިން މުޖުތަމައަށް އެހީތެރިވެ ގައުމުގެ މުސްތަގްބަލަށް އިންވެސްޓް ކުރެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް." ޓިމް ވިދާޅުވިއެވެ.

ޓިމް އިތުރަށް ވިދާޅުވީ، މި މުނާސަބަތު ފާހަގަކުރަމުންދާއިރު، މުޖުތަމައަށް ފައިދާހުރި ދާއިރާތަކާއި އިންވެސްޓް ކުރަން ރަނގަޅު ދާއިރާތައް ފާހަގަކޮށް ހިޔާލު ހުށަހެޅުމަށް ކިޔާ ކަމަށާއި ކޮޕް ސަމިޓްގައި މަޝްވަރާ ކުރުވުނު ކަންތައްތަކާއި ގުޅުވައިގެން ތިމާވެއްޓާ ގުޅުންހުރި މުހިންމު ހަރަކާތްތަކެއް ހިމަނާ ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ވެސް އިސްކަމެއް ދޭނެ ކަމަށެވެ.

ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމާ ގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ބީއެމްއެލްގެ ވެބްސައިޓްގައި ހާމަކުރެވޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު