2023 ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނައިން ކާރު އެކްސްޕޯޓް ކުރި ގައުމުގެ ލަގަބު ޖަޕާނުން ދަމަހައްޓައިފިއެވެ.

2023 ވަނަ އަހަރަކީ އެންމެ ގިނަ ކާރު އެކްސްޕޯޓު ކުރާ ގައުމުގެ ގޮތުގައި ޖަޕާން އޮތް އޮތުން ނިމުމަކަށް އައިސް، އެ ތާޖު ވާދަވެރި ޗައިނާ އިން ހޯދާނެ ކަމަށް ކާރުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ގަބޫލު ކުރެވުނު އަހަރެކެވެ.

ނަމަވެސް 2023 ވަނަ އަހަރު ޖަޕާންގެ ކަސްޓަމްސްގެ ތަފާސް ހިސާބު ތަކާއި ޗައިނާގެ ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އަދި ވެސް ކުރީގައި އުޅެނީ ޖަޕާނެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ޖަޕާނުގެ ކަސްޓަމްސްގެ އަހަރީ ރިޕޯޓްގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ޖަޕާނުން ވަނީ މި ދިޔަ އަހަރު 5.97 މިލިއަން ފަސިންޖަރު ކާރު އެކްސްޕޯޓް ކޮށްފައެވެ.

2023 ވަނަ އަހަރުގެ ޗައިނާގެ ކަސްޓަމްސްގެ އަހަރީ ރިޕޯޓްގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މި ދިޔަ އަހަރު އެ ގައުމުން އެކްސްޕޯޓް ކޮށްފައި ވަނީ 5.22 މިލިއަން ފަސިންޖަރު ކާރެވެ.

ޖަޕާނާއި ވަރަށް ކައިރިން ޗައިނާގެ ކާރު އުފެއްދުމުގެ އިންޑަސްޓްރީ ވާދަކުރަމުން ދާއިރު، ޗައިނާ އިން 2023 ވަނަ އަހަރު ބޭރު ކުރި އުޅަނދު ތަކުގެ ތެރެއިން 70% ވެހިކަލަކީ ގެސޮލިން ހަކަތަ ބޭނުން ކުރާ ވެހިކަލެވެ. އަދި 30 % އަކީ ކަރަންޓް ކާރު ތަކެވެ.

ޗައިނާ އިން 2023 ވަނަ އަހަރު އެކްސްޕޯޓް ކުރި ގިނަ އުޅަނދު ތައް އެކްސްޕޯޓް ކޮށްފައިވަނީ އެމެރިކާ އާއި އެ ގައުމުގެ އެކުވެރި ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާ އަށެވެ. ޗައިނާ އަދި ރަޝިއާ އިން ދަނީ އިގްތިސޯދީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރަމުންނެވެ.

ޗައިނާ އިން ދަނީ ކަރަންޓް ކާރު އުފެއްދުމުގައި ވެސް އައު އީޖާދުތަކާއި އެކީ ވަރަށް ބޮޑަށް ކާމިޔާބު ހޯދަމުންނެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ 2023 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު ކަރަންޓް ކާރު އުފައްދާ ކުންފުނީގެ ލަގަބު، އެމެރިކާގެ ބޮޑު ކުންފުނި ޓެސްލާގެ އަތުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީ.ވައި.ޑީ އިން ހޯދާފައި ވުމެވެ.