ބްރިކްސް ގައުމުތަކުގެ މާލީ އިއްތިހާދުގެ ޗެއާމަން ކަން 2024 ވަނަ އަހަރު ކުރަން ހަމަޖެހިފައިވާ ރަޝިއާ އިން މި އަހަރު އެންމެ މުހިއްމު ކަމެއް ދޭނީ ބްރިކްސްގެ މެމްބަރު ގައުމުތަކުން ކުރާ ވިޔަފާރީގެ މުއާމަލާތް ތަކުގައި ފައިސާ ދެއްކުމުގައި އެމެރިކާ ޑޮލަރު ބޭނުން ކުރުން ހުއްޓާލަން ކަމުގައި އެ ގައުމުން ބުނެފިއެވެ.

ރަޝިއާ އިން ވަނީ މީގެ ކުރިން ވެސް އެ ގައުމުން ކުރާ ވިޔަފާރީގެ އެކި މުއާމަލާތް ތަކުގައި ހާއްސަކޮށް އެ ގައުމުން ބޭރުކުރާ ތެލާއި ގުދުރަތީ ގޭހުގެ ބަދަލުގައި އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަތުން ހުއްޓާލުމަށް ފަހު ރަޝިއާގެ ފައިސާ ކަމަށްވާ ރުބެލްސް އިން ޕޭމަންޓް ތައް ބަލައިގަންނަން ފަށާފައެވެ.

ރަޝިއާ އިން ޔޫކުރޭނަށް ހަމަލާދީ އެ ގައުމުގެ ބައެއް ސަރަހައްދު ތައް ރަޝިއާގެ ބާރުގެ ދަށަށް ގެންދިއުމުގެ ސަބަބުން އެމެރިކާ އާއި ޔޫރަޕުގެ އެހެން ގައުމުތަކުން ވެސް ވަނީ ރަޝިއާ އާއި ދެކޮޅަށް ވަރަށް ހަރުކަށި މާލީ ދަތިކުރުމުގެ ފިޔަވަޅު ތަކެއް އަޅާފައެވެ. އަދި އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކުން ވަނީ ރަޝިއާ އިން ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލައި ޔޫކުރޭނުން ރަޝިއާގެ އަސްކަރިއްޔާ ނުފައިބަނީސް މި ހަރުކަށި ދަތި ކުރުމުގެ ފިޔަވަޅުތަަކަށް ކުޑަ ނަމަވެސް ދުލެއް ނުދޭނެ ކަމަށް ބުނެފައެވެ.

ރަޝިއާ އިން ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެ ކަން އިއުލާން ކޮށް އެމެރިކާ ޑޮލަރު ނޫން ގޮތެއް ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.

ރަޝިއާ އިން ބްރިކްސްގެެ މެމްބަރު ގައުމުތަކުގެ އާންމު ބައްދަލުވުމުގައި ބުނެފައި ވަނީ މި އަހަރުގެ މަގުސަދު ވަރަށް ސާފު ކަމަށާއި، ބްރިކްސްގެ ގައުމުތަކުގެ އަމިއްލަ ފައިސާ ތަކުގެ އަގު އެފުލުމަށާއި އެ ފައިސާތައް އިތުރަށް ބާރުގަދަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި، ބްރިކްސްގެ ހުރިހާ ގައުމެއްގެ އެއްބާރުލުން އެކަމުގައި ބޭނުންވާ ކަމަށެވެ.

ބްރިކްސްގެ ބައްދަލުވުމުގައި އަލަށް އެ އިއްތިހާދާއި ގުޅުނު ސައުދީ އަރަބިއްޔާ އާއި އެކުވެރި އަރަބި އިމާރާތް އަދި މިސްރާއި އިތިއޯފިއާ އިން ވެސް ވަނީ ބައިވެރިވެފައެވެ.