ރަޝިއާ އާއި ދެކޮޅަށް ޔޫކުރޭނުން ކުރަމުންދާ ހަނގުރާމައިގައި އެ ގައުމަށް ޔޫރަޕުން ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަން އަދި ވެސް މަދު ކަމަށާއި، ޔޫކުރޭނަށް މިއަށްވުރެ ގިނައިން ހަތިޔާރު ބޭނުންވާ ކަމަށް ޔޫރަޕުގެ އަސްކަރީ އަދި އިގުތިސޯދީ ބޮޑު ބާރު ޖަރުމަނުވިލާތުން ބުނެފިއެވެ.

ޔޫރަޕުގެ ގައުމުތަކުން ޔޫކުރޭނަށް ދޭން އެއްބަސްވެފައިވާ 50 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖަށް ހަންގޭރީގެ ބޮޑު ވަޒީރު ވިކްޓާ އޯރބަން ރުހުންދޭން ލަސްވާތީ ޔޫރަޕުގެ ގައުމުތަކުގެ އިއްތިހާދު އީޔޫ ގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ޔޫރަޕުގެ ގައުމުތަކުން ތުހުމަތު ކުރަނީ ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާ އަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ހަންގޭރީގެ ބޮޑުވަޒީރު އޯބަން ވިދާޅުވެފައި ވަނީ އޭނާ ވަކި ގައުމަކަށް ތާއީދު ކުރަނީ ނޫން ކަމަށާއި، ނަމަވެސް މިހާ ބޮޑު އަދަދެއްގެ ފައިސާ އެއް ގައުމަކަށް ދިނުން ރަނގަޅު ކަމާއިމެދު އޭނާގެ ގައުމުގެ ރައްޔިތުން ދެކޭ ގޮތެއް ވެސް ބަލަން ބޭނުން ކަމަށެވެ. މި 50 ބިލިއަން ޑޮލަރަކީ ހަމަ ޔޫރަޕުގެ ގައުމުތަކުން ދައްކަން ޖެހޭނެ ފައިސާ ކަމުން އެކަމުގައި ގޮތެއް ނިންމުމުގެ ކުރިން ވިސްނާލަން ވަގުތު ނަގަނީ ކަމަށް ވެސް ހަންގޭރީގެ ބޮޑުވަޒީރު އޯބަން ވަނީ ވިދާޅުވެފައެވެ.

ރަޝިއާ އިން އެއްވެސް ގައުމަކަށް މަޑުނުކުރާނެ ކަމަށާއި އެ ގައުމުން އެ ދަނީ މިހާރަށްވުރެ ވަރުގަދަ އަށް ހަނގުރާމަ ކުރުމަށް ތައްޔާރު ވަމުން ކަމަށާއި ރަޝިއާގެ އަސްކަރިއްޔާ ދަނީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ވަމުން ކަމަށާއި، އެހެންކަމުން ޔޫކުރޭނުގެ އަސްކަރިއްޔާ އަށް ވަރަށް އަވަހަށް ހަތިޔާރު ފޯރުކޮށްދޭން ޖެހޭކަމަށް ޖަރުމަނުވިލާތުން ވަނީ ބުނެފައެވެ. އެހެންނޫންނަމަ ރަޝިއާގެ ވަރުގަދަ އަސްކަރިއްޔާ އާއި ކުރިމަތިލުމުގެ ބާރެއް ޔޫކުރޭނުގެ އަސްކަރިއްޔާގައި ނުހުންނާނެ ކަމަށް ވެސް ޖަރުމަނުވިލާތުން ވަނީ ބުނެފައެވެ. އަދި މި ހަނގުރާމަ ރަޝިއާ އިން ކާމިޔާބު ކޮށްފި ނަމަ މުޅި ޔޫރަޕަށް އޭގެ ނޭދެވޭ އަަސަރާއި ނުފޫޒް ފޯރާނެ ކަމަށާއި މިއީ ޔޫރަޕުން ދެކެން ބޭނުން ވާނެ ދުވަހެއް ނޫން ކަމަށް ވެސް ޖަރުމަނުވިލާތުން ބުނެފައި ވެއެވެ.