އެތައް ބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައި ހުރި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ގެ ޖަލުހުކުމް ދެބައިކުޅަ އެއްބައި ކުޑަކޮށްފިއެވެ.

ޖަލު ހުކުމް ކުޑަކުރުމާއި އެކު ނަޖީބު މިނިވަންވާނީ 2028 ވަނަ އަހަރުއެވެ. އޭގެ އިތުރުން ނަޖީބުގެ ޖޫރިމަނާވެސް ވަނީ 210 މިލިއަން ރިންގިޓުން (44.5 މިލިއަން ޑޮލަރުން) 50 މިލިއަން ރިންގިޓް (10.6 މިލިއަން ޑޮލަރު) އަށް ކުޑަ ކޮށްފައެވެ.

ނަމަވެސް ޖޫރިމަނާ ނުދައްކައިފިނަމަ ނަޖީބުގެ ޖަލު ހުކުމަށް އެއް އަހަރު އިތުރު ކުރެވޭނެ ކަމަށް މެލޭޝިއާގެ ޕާޑަންސް ބޯޑުން ވަނީ ބުނެފައެވެ.

ނަޖީބަކީ މެލޭޝިއާގެ ތާރީހުގައިވެސް ޖަލަށް ލެވުނު ފުރަތަމަ ބޮޑުވަޒީރެވެ. ނަޖީބު ޖަލަށްލެވުނީ އޭނާގެ ބޮޑުވަޒީރު ކަމުގައި މެލޭޝިއާގެ އިގުތިސޯދީ ތަރައްގީ ހަލުވި ކުރުމަށް އުފެއްދި ދައުލަތުގެ ފަންޑެއް ކަމަށްވާ '1 މެލޭޝިއާ ޑިވެލޮޕްމެންޓް ބެރްހަދް' ނުވަތަ (1އެމްޑީބީ) ގެ ޒަރީއާއިން އެތައް ބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައެވެ. އެ ފަންޑާއި ގުޅުން ހުރި އެތައް ދައުވާއެއް ނަޖީބުގެ މައްޗަށް ވަނީ ކުރެވިފައެވެ.

ތަހުގީގީ އިދާރާ ތަކުން ބުނެފައިވާ ގޮތުގައި ސުޕަ ޔޮޓެއް ގަތުމަށާއި، އަގުބޮޑެތި މުދާ ގަތުމަށާއި، ހޮލީވުޑްގެ މަޝްހޫރު ތަރި ލިއޮނާޑޯ ޑި ކެޕްރިއޯ ފެނިގެންދާ ފިލްމް 'ދަ ވުލްފް އޮފް ވޯލް ސްޓްރީޓް' އަށް ފިނޭންސް ކޮށް ޕްރޮޑިއުސް ކުރުމަށް ފަންޑުގެ ފައިސާ ވަނީ ބޭނުންކޮށްފައެވެ.

އެމެރިކާ އަދި މެލޭޝިއާގެ ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައިވަނީ އެ ފަންޑުން 4.5 ބިލިއަން ޑޮލަރު ވަގަށް ނަގާފައި ވާއިރު، ނަޖީބާއި ގުޅުން ހުރި އެކި އެކައުންޓުތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

1އެމްޑީބީ މައްސަލައިގެ އޮޑިޓަށްވެސް ނަޖީބު ނުފޫޒު ފޯރުވާފައިވާއިރު، އެ މައްސަލައިގައި ނަޖީބުގެ ފަރާތުން ފެންނަނީ 1އެމްޑީބީ ސްކީމް ރޭވިކަމަށް ތުހުމަތު ކުރެވޭ މެލޭޝިއާގެ ފިނޭންސިއަރ ޖޯ ލޯ އަށް މައްސަލައިގެ މިސްރާބު އަނބުރާލަން މަސައްކަތް ކުރާ ތަނެވެ. 6 ގައުމުގެ ފުލުހުން ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި ޖޯ ލޯ ހިމެނޭ އިރު އޭނާ އުޅެނީ ފިލައިގެންނެވެ.

ނަޖީބު މެލޭޝިއާގެ ބޮޑުވަޒީރުކަން ކޮށްފައިވަނީ 2009 ވަނަ އަހަރުން 2018 ވަނަ އަހަރަށެވެ. ނަޖީބުގެ ޖަލު ހުކުމަށް މާފު ދީފައިވަނީ ރަމްޒީ ގޮތުން އެގައުމުގައި އައްޔަން ކުރެވޭ ރަސްގެފާނު ރިޔާސަތު ބަލަހައްޓަވާ ބޯޑަކަށް ނަޖީބު ހުށައެޅުމުންނެވެ.

ނަޖީބުގެ ހުކުމް ކުޑަކޮށްފައިވަނީ ކީއްވެ ކަމެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ދެ ފަހަރު އިސްތިއުނާފު ކޮށްގެންވެސް ކުޑަ ނުކުރި ހުކުމެއް ކުޑަކޮށްފައިވުމުން، މެލޭޝިއާގެ ނަން ހަޑިވެގެންދާނެ ކަމަށާއި އޭގެ ސަބަބުން މިހާރުވެސް ޕްރެޝަރު ބޮޑުވެފައިވާ މެލޭޝިއާގެ ފައިސާއަށްވެސް އަސަރު ކުރާނެ ކަމަށް އެނަލިސްޓުން ދެކެއެވެ.