ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ ޣައްޒާއިން އެކަނި 112 މީހަކު ޝަހީދުކޮށްލައިފިއެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ގަތުލު އާންމު ހިންގާތާ މިހާރު ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މި ހަނގުރާމައަށް މެދުކެނޑުމެއް ނާދެއެވެ.

ކޮންމެ ދުވަހަކުވެސް ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށްލާ، އެތައް ބަޔަކަށް އަނިޔާ ދެމުންދާއިރު، މި ގަތުލު އާންމު އިތުރު މަސްތަކަކަށް ދެމިގެން ދާނެ ކަމަށް ބެލެވެއެވެ.

އެންކްލޭވްގެ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުގައި، އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 27،131 މީހުން ޝަހީދުވެފައިވާއިރު، އިތުރު 66،287 މީހުން ވަނީ ޒަހަމްވެފައެވެ.

އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 112 މީހުން ޝަހީދުކޮށް، 148 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.