އުރުދުންގައި ހުންނަ އެމެރިކާގެ ދުރު މަރުކަޒަކަށް ދިން ޑްރޯން ހަމަލާއެއްގައި ސިފައިންގެ ތިން މީހަކު މަރާލި ހާދިސާއާ ގުޅިގެން ފުރަތަމަ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ސީރިއާ އާއި އިރާގުގެ އަމާޒުތަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ) އަށް އިޝާރާތް ކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާގެ އިރުޝާދުގެ މަތިން އެމެރިކާގެ އަސްކަރީ ފައުޖުތަކުން އިރާގާއި ސީރިއާގެ ފެސިލިޓީތަކުގައި ހުރި ތަންތަނަށް ހަމަލާދިނީ އައިއާރްޖީސީ އާއި ގުޅިފައިވާ ހަނގުރާމަވެރިން އެމެރިކާގެ ސިފައިންނަށް ހަމަލާ ދިނުމަށް ބޭނުން ކުރާ ތަންތަނަށް ކަމަށެވެ.

އެ ހަމަލާތައް ދޭން މިއަދު ފެށިއިރު، ބޭނުންވާ ގަޑިއެެއްގައި އަދި ބޭނުންވާ ތަންތަނުގައި ވެސް އެކަން ކުރިއަށް ދާނެ ކަމަށް ޖޯ ބައިޑެން ވިދާޅުވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވާގޮތުގައި އެ ގައުމުގެ އަސްކަރީ ފައުޖުތަކުން ދެ ގައުމުގެ 85 އަށް ވުރެ ގިނަ އަމާޒުތަކަށް ވަނީ ހަމަލާ ދީފައެވެ. އަދި އެ ހަމަލާތައް ދީފައި ވަނީ "އެމެރިކާއިން އުދުއްސާލި ދުރު ރާސްތާގެ ބޮން ބޯޓުތައް ހިމެނޭ ގޮތަށް ގިނަ މަތިންދާބޯޓުތަކެއް ބޭނުންކޮށްގެން" ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ވައިގެ ހަމަލާތަކުގައި 125 އަށް ވުރެ ގިނަ ޕްރިސިޝަން މިއުނިޝަން ބޭނުންކުރި ކަމަށްވެސް ބުނެފައި ވެއެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޑިރެކްޓަރު ލެފްޓިނެންޓް ޖެނެރަލް ޑަގްލަސް ސިމްސް ވިދާޅުވީ އިރާގުގެ ތިން ސައިޓަކާއި ސީރިއާގެ ހަތަރު ސައިޓަކަށް 125 އަށް ވުރެ ގިނަ ޕްރިސިޝަން މިއުނިޝަން ވައްޓާލާފައިވާ ކަމަށެވެ.

ސެންޓްކޮމް އިން ބުނީ ހަމަލާ ދިން ފެސިލިޓީތަކުގެ ތެރޭގައި ކޮމާންޑް އެންޑް ކޮންޓްރޯލް އޮޕަރޭޝަން ސެންޓަރުތަކާއި އިންޓެލިޖެންސް ސެންޓަރުތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނާއި ހަނގުރާމަވެރިންނާ ގުޅުން ހުރި އެހެނިހެން ވަސީލަތްތައް ނުވަތަ ތެހެރާނުގެ ގުޅުން ބަލަހައްޓާ ގާޑުގެ އެކްސްޕެޑިޝަނަރީ ޔުނިޓް ކަމަށްވާ އައިއާރްޖީސީގެ ގުދުސް ފޯސް ހިމެނޭ ކަމަށެވެ.

އިރާގާއި ސީރިއާގައި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ތެހެރާނުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އުރުދުން-ސީރިއާ ބޯޑަރު ކައިރީގައި ޓަވަރު 22 ގެ ނަމުން ނަން ދީފައިވާ އަސްކަރީ މަރުކަޒަށް މިދިޔަ އާދީއްތަ ދުވަހު ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާގެ ތިން ސިފައިން މަރުވެ 40 ވަރަކަށް މީހުން ޒަހަމްވިއެވެ.

މި ޑްރޯން ހަމަލާގެ ޒިންމާ އުފުލާފައިވަނީ އީރާނާ ގުޅިފައިވާ ޖަމާއަތްތަކުގެ އިއްތިހާދެއް ކަމަށްވާ އިސްލާމިކް ރެސިސްޓެންސް އިން އިރާގުންނެވެ.

އީރާނުން ވަނީ ހަމަލާ ދިނުމަށް އިރުޝާދު ދިން ވާހަކަ ދޮގުކޮށް، އެ ޖަމާއަތްތަކުން އަމަލު ކުރަނީ އަމިއްލައަށް ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    މިހާރު ކޮންކަމެއް ލައިގަނެގެން މިއުޅެނީ!!!

    17
    1
    • ޖުއްބާ

      ކަލޭގެ ބޮލުން ފަތް ފައިބާތީ ރަގަޅު ބޮލާކީނު ފުޅިއެއް ނުލިބިގެން އެއުޅެނީ....

      2
      4
  2. ލަސް

    ވިދާޅުވީ؟ ފިރުއައުނު ވަޑައިންނެވީ؟