މިއަންނަ މަހު ރަޝިއާގެ ރައީސް އައްޔަން ކުރުމަށް ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ގައި މިހާރުގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި ދެކޮޅަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކެންޑިޑޭޓް ބޮރިސް ނަޑެޒްހުއްދީން ޑިސްކޮލިފައި ވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ގައި ވާދަކުރެއްވުމަށް ބޮރިސް ވަނީ މީގެ ދެ ދުވަސް ކުރިން ރަޝިއާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނަށް ފޯމު ހުށައަޅުއްވާފައެވެ. އޭނާ ފޯމް ހުށައެޅުއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ އޭނާ އަށް ރަޝިއާގެ 60 އަށް ވުރެ ގިނަ ސަރަހައްދުތަކުން ރައްޔިތުންގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށާއި، އަދި މި އިންތިހާބު ގައި ރަނގަޅު ކާމިޔާބީ އެއް ލިބުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބަ އޮތް ކަމަށެވެ.

ރަޝިއާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ ރިޔާސީ އިންތިހާބު ގައި ބައިވެރިވާ ހުރިހާ މަންދޫބުން ވެސް އެ މަންދޫބެއްގެ ކެންޑިޑެންސީ އަށް ތާއީދު ކޮށް 100،000 މީހުން ފޯމު ފުރައި ސެންޓްރަލް އިލެކްޝަން އަށް ހުށަހަޅަށް ޖެހޭ ކަމަށެވެ. ނަމަވެސް ބޮރިސް ހުށައަޅުއްވާފައިވާ 100،000 މީހުން ފޯމުތަކުގެ ތެރޭގައި ވަރަށް ދުވަސް ކުރިން މަރުވެފައިވާ ރަޝިއާ ރައްޔިތުންގެ ފޯމުތައް ވެސް ހުރި ކަމަށާއި، މިއީ އޮޅިގެން ކުރެވިފައިވާ ކަމެއް ނޫން ކަމަށާއި، މިހާ ބައިވަރު މީހުންގެ ނަމުގައި އޮޅިގެން ފޯމު ނުލެވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މިއީ ސަރުކާރުގެ އިދާރާ އަކަށް އޮޅުވާލުމުގެ ގޮތުން ކުރި އަމަލެއް ކަމަށްވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

ރަޝިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ރިޔާސީ ރޭހުގައި ވާދަނުކުރެވޭ ގޮތަށް ބޮރިސް ސަސްޕެންޑް ވުމަކީ ވުން ވަރަށް ގާތް ކަމެކެވެ.

އުމުރުން 60 އަހަރުގެ ބޮރިސް އަކީ ރަޝިއާގެ ލޯކަލް ކައުންސިލަރެކެވެ. އޭނާ އަކީ ސިޔާސީ ދާއިރާގައި ވަރަށް ގިނަ ދުވަސް ހޭދަކުރައްވާ ފައިވާ، ސިޔާސީ ގޮތުން ނުހަނު ގިނަ ގުނަ ތަޖުރިބާ ވެސް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.

މިހާރު ޖަލަށްލާފައި ހުރި ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސިސް ނަވެލްނީ ގެ ސަޕޯޓް ވެސް ބޮރިސް އަށް އޮތް ކަމަށް ރަޝިއާގެ މީޑިއާ ތަކުން ބުނެއެވެ.

ބޮރިސް އަކީ ރަޝިއާ އިން ޔޫކުރޭނު ގައި ކުރަމުންދާ ހަނގުރާމަ އާއި ވަރަށް ދެކޮޅު ބޭފުޅެކެވެ. އަދި އޭނާ ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ މި ބޭކާރު ހަނގުރާމަ ހުއްޓާލާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.