އެމެރިކާ އިން މިއަދު ފަތިހު ވަނީ އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ އިރާނަށް ވަފާތެރި ޖަމާއަތްތަކުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އެމެރިކާ އިންެ ސީރިއާ އަދި އިރާގުގެ 86 އަމާޒަކަށް ވަރުގަދަ ވައިގެ ހަމަލާތައް ދީފައިވާ އިރު، އަސްކަރީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެފައިވަނީ މި ހަމަލާތަކުގެ ޒާތަށް ބަލާއިރު މިއީ އަދި ފެށުމެއް ކަމަށް ލަފާކުރެވޭ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ އަސްކަރިއްޔާ އިން ދޭ ހަމަލާތައް ގިނަވެފައި، ވަރުގަދަ ވާނެ ކަމަށެވެ.

ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވާ ޖަމާއަތަކުން ވަނީ އުރުދުން ގައި ހުންނަ އެމެރިކާ ސިފައިން ތިބޭ އަސްކަރީ ބޭސް އަކަށް ހަމަލާދީ 3 ސިފައިން މަރާލާފައެވެ. އަދި އެ ހަމަލާގައި ވަރަށް ގިނަ ސިފައިން ޒަހަމްވެފައިވާ ކަމަށް ވެސް އެމެރިކާ އިން ވަނީ ބުނެފައެވެ.

އެ ހަމަލާ އަކީ އަސްކަރީ ގޮތުން އެމެރިކާ ފަދަ ގައުމަކަށް، އާދައިގެ ހަތިޔާރު އެޅި ޖަމާއަތަކުން ދެވިގެންވާނެ ވަރުގެ ހަމަލާއެއް ނޫން ކަމަށާއި، އެ ހަމަލާގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާގެ ބަލިކަށި ކަން ހާމަ ކޮށްދޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެމެރިކާ އިން ވަރުގަދަ ހަމަލާތަކެއް ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް އެ ޖަމާއަތުގެ އަމާޒުތަކަށް ދޭނީ އެމެރިކާގެ އަސްކަރިއްޔާ ބަލިކަށި ނޫން ކަން ސާބިތުކޮށްދިނުމަށް ކަމަށް ވެސް ހަނގުރާމަ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެ ޖަމާއަތް އެއްކޮށް ނައްތާލުމުގެ ގާބިލުކަން ވެސް އެމެރިކާގެ އަސްކަރިއްޔާ އަށް ލިބިގެންވާ ކަމަށް އަސްކަރީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ކަތައިބް ހިޒްބުﷲ ޖަމާއަތަށް ފަންޑުކޮށް ހަތިޔާރު ފޯރުކޮށްދެނީ އިރާނުންނެވެ. ނަމަވެސް މިއަދު އެ ޖަމާއަތާއި ދެކޮޅަށް ދިން ވަރުގަދަ ހަމަލާތަކުގައި އިރާނުގެ ބޯޑަރުގެ އެތެރޭގެ އެއްވެސް އަމާޒަކަށް ހަމަލާ ދީފައެއް ނުވެއެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ހަމަލާތަކުގައި އިރާނަށް ނުރައްކަލެއް ނެތް ކަމަށާއި، އެމެރިކާ އިން ހަނގުރާމަ ކުރަނީ ނިރުބަވެރި ޖަމާއަތްތަކާއި ދެކޮޅަށް ކަމަށާއި، އިރާނާއި ދެކޮޅަށް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިރާނާއި ދެކޮޅަށް ހަނގުރާމަ އެއް ފެށުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ކާބީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު