ނިރުބަވެރި ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އިމާރާތްތަކުގައި ރޯ ކުރަމުންދާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ދަނީ ޣައްޒާގެ އެތަންމިތަނަށް ބޮން އަޅާ ސުންނަފަތި ކުރަމުންނެވެ. އަދި ނިރުބަވެރިންގެ މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 27،000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.

ހިބްރޫ މީޑިއާ ހަވާލާދީ ޓައިމްސް އޮފް އިސްރާއީލުން ބުނީ ޣައްޒާގައި ހަމާސްގެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ނިރުބަވެރި ސިފައިން އެތައް ސަތޭކަ އިމާރާތެއްގައި ރޯކޮށްލާފައިވާއިރު، އެ އިމާރާތްތައް ބޭނުން ނުކުރެވޭ ކޮށްލާފައިވާ ކަމަށެވެ.

ވައިނެޓް ނިއުސް ސައިޓުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސްއިން ބޭނުންކުރާ އިމާރާތްތައް ނައްތާލުމަށް މި މެތަޑް ބޭނުންކުރީ ގޮއްވަން ބޭނުން ކުރާ ހަތިޔާރުގެ ދަތިކަން ހުރުމުގެ ސަބަބުންނެވެ.

މީގެ ކުރިން ހާރެޓްޒް ރިޕޯޓެއްގައި ސިފައިންނާ ހަވާލާދީ ބުނެފައި ވަނީ ބައެއް ފަހަރު ސިފައިން އެކަން ކުރަނީ ބަދަލު ހިފުމުގެ ބޭނުމުގައި ކަމަށެވެ.

އައިޑީއެފް އިން ބުނީ އިމާރާތްތައް ހަލާކުކުރުމުގެ ހުއްދަ ދީފައިވާ ގޮތްތައް އެކަން ކުރަން އަންގާފައިވާނެ ކަމަށާއި އެހެން އެއްވެސް ހަރަކާތެއް ހިންގާނަމަ އެކަން ބަލާނެ ކަމަށެވެ.

ވައިނެޓުން ބުނި ގޮތުގައި ހަމާސްގެ ގެތަކުގެ ގޮތުގައި ހުރި އިމާރާތްތައް ނުވަތަ ހަތިޔާރު ފެނުނު އިމާރާތްތައް ސިފައިން އަންދާލާފައިވަނީ އެކަށީގެންވާ މިންވަރަށް ގޮއްވަން ބޭނުން ކުރާ ސަޕްލައި އެއް ނުލިބޭތީއެވެ.

ރިޕޯޓްގައި ބުނެފައިވަނީ ބައެއް އިމާރާތްތަކުގައި އަލިފާން ރޯކުރުމުގެ މަސައްކަތް ފެށުނީ ޣައްޒާގެ ޝެޖައްޔާ އަވަށުގައި ހަނގުރާމަ ކުރަމުން ދިޔަ ޔުނިޓަކުން ކަމަށެވެ.