ނިރުބަވެރި އިސްރާއީލުން އިރުމަތީ އަދި މެދުތެރޭ ރަފާހް ސިޓީއަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 28 މީހުން ޝަހީދުވެއްޖެއެވެ.

އަލަޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި އިސްރާއީލުން ރަފާހުގެ އިރުމަތީ ސަރަހައްދަށް ވަރުގަދަ ބަޑީގެ ހަމަލާތައް ދޭން ފެށި އިރު، ރޭގެ ވަގުތެއްގައި އެ ސިޓީގެ އެކި ސަރަހައްދުތަކަށް ބޮޑެތި ވައިގެ ހަމަލާތައް ދީފައިވެއެވެ.

މިއީ ބޮޑު އާބާދީއެއް އޮންނަ ސަރަހައްދުތަކެކެވެ. އަދި ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު އެތަނުގައި ހިޔާވަހިކަން ހޯދަމުންނެވެ.

މީގެ ތެރެއިން އިރުމަތީ ރަފާހުގައި އިމާރާތަކީ ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުން ފުރިފައިވާ ގެއެކެވެ.

ނިރުބަވެރިން އެތައް ބަޔަކު އުޅެމުންދާ އެ އިމާރާތަށް ދިން ހަމަލާތަކުގައި 13 މީހަކު ޝަހީދުވިއިރު، 10 މީހުން ޒަހަމްވެފައި ވެއެވެ. ޒަހަމްވި މީހުން ރަފަހްގެ ނައްޖާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ހޯދަމުންނެވެ.

ދެވަނަ ވައިގެ ހަމަލާ އަމާޒުކޮށްފައިވަނީ ސެންޓްރަލް ރަފާހްގެ ޖަނީނާ ޑިސްޓްރިކްޓްގެ މީހުން ދިރިއުޅޭ ގެއަކަށެވެ. އަދި އެތަނުގައި 15 މީހަކު ވަނީ ޝަހީދުުވެފައެވެ.

ނިރުބަވެރިންގެ ހަމަލާތަކުގައި ޣައްޒާއިން 27،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.