އިރާގައި އާއި ސީރިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފިއެވެ.

އުރުދުންގައި ހުންނަ އެމެރިކާގެ ދުރު މަރުކަޒަކަށް ދިން ޑްރޯން ހަމަލާއެއްގައި ސިފައިންގެ ތިން މީހަކު މަރާލި ހާދިސާއާ ގުޅިގެން ފުރަތަމަ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ސީރިއާ އާއި އިރާގުގެ އަމާޒުތަކަށް ވައިގެ ހަމަލާތަކެއް މިއަދު ވަނީ އަމާޒުކޮށްފައެވެ.

އޭގެ ފަހުން އިރާގުން ވެސް އެމެރިކާގެ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ބަދަލު ކުރަން ފެށިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި އީރާނާ ގުޅިފައިވާ ޖަމާއަތްތައް ހިމެނޭ އިރާގުގެ ރެސިސްޓެންސް އިން ވަނީ އެމެރިކާގެ ސިފައިން ދިރިއުޅޭ ސީރިއާގެ ތާންފް އަސްކަރީ މަރުކަޒަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައެވެ.

އިރާގުގެ ހުޅަނގުގައި އޮންނަ އައިން އަލް އަސަދު ބޭސްއަށް ވެސް މިއަދު ހެނދުނު ވަނީ ޑްރޯން އަކުން ހަމަލާދީފައެވެ. އެތަނަކީ އެމެރިކާގެ ސިފައިން ތިބޭ ތަނެކެވެ.

އެމެރިކާއިން މިއަދު ދިން ހަމަލާތަކާއި ގުޅޭގޮތުން އިރާގުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ) އަށް އިޝާރާތް ކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާގެ އިރުޝާދުގެ މަތިން އެމެރިކާގެ އަސްކަރީ ފައުޖުތަކުން އިރާގާއި ސީރިއާގެ ފެސިލިޓީތަކުގައި ހުރި ތަންތަނަށް ހަމަލާދިނީ އައިއާރްޖީސީ އާއި ގުޅިފައިވާ ހަނގުރާމަވެރިން އެމެރިކާގެ ސިފައިންނަށް ހަމަލާ ދިނުމަށް ބޭނުން ކުރާ ތަންތަނަށް ކަމަށެވެ.

އެ ހަމަލާތައް ދޭން މިއަދު ފެށިއިރު، ބޭނުންވާ ގަޑިއެެއްގައި އަދި ބޭނުންވާ ތަންތަނުގައި ވެސް އެކަން ކުރިއަށް ދާނެ ކަމަށް ޖޯ ބައިޑެން ވިދާޅުވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވާގޮތުގައި އެ ގައުމުގެ އަސްކަރީ ފައުޖުތަކުން ދެ ގައުމުގެ 85 އަށް ވުރެ ގިނަ އަމާޒުތަކަށް ވަނީ ހަމަލާ ދީފައެވެ. އަދި އެ ހަމަލާތައް ދީފައި ވަނީ "އެމެރިކާއިން އުދުއްސާލި ދުރު ރާސްތާގެ ބޮން ބޯޓުތައް ހިމެނޭ ގޮތަށް ގިނަ މަތިންދާބޯޓުތަކެއް ބޭނުންކޮށްގެން ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ވައިގެ ހަމަލާތަކުގައި 125 އަށް ވުރެ ގިނަ ޕްރިސިޝަން މިއުނިޝަން ބޭނުންކުރި ކަމަށްވެސް ބުނެފައި ވެއެވެ.