ފަލަސްތީނުގެ ޣައްޒާގެ ހިތާމަވެރި ހާލަތު ބަޔާންކޮށް ފަލަސްތީނުގެ ބައެއް ވާހަކަތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އާއްމުކޮށްފާއިވާއިރު، އޭގައި އެ ރައްޔިތުން ބުނަމުން ދަނީ އެ މީހުންގެ ހާލަތެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން ޣައްޒާގައި އެތައް ބަޔަކު ދިރިއުޅެމުން ދަނީ ވަަރަށް ނިކަމެތި ހާލެއްގައެވެ. އެއްބަޔަކު ފުޅަ ކާތަކެތި ކައިގެން އުޅޭއިރު، އަނެއް ބަޔަކު ދިިރިއުޅެމުން ދަނީ އެއް އިރު ކައިގެންނެވެ. ނޫނީ ބަނޑުފުރާލާނެ ކާއެއްޗެހި ނެތިއެވެ.

އިންސާނީ އެހީ ފޯރުކޮށްދެމުންދާ ޖަމިއްޔާތަކުންވެސް ދަނީ ޣައްޒާގެ ރައްޔިތުން ބޭނުންވާ މިންވަރަށް ކާބޯތަކެތި ފޯރުކޮށް ނުދެވޭ ކަމަށް ބުނަމުންނެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ޣައްޒާގައި އޮތީ ބިރުވެރިކަމާއި ބަނޑުހައިހޫނުކަމާއި މާޔޫސްކަމާއި ވޭނާއި މަރު ކަމަށެވެ.

"ކެއީ ފުޅަ އަޅާފައި ހުރި އަލުވި، އޭގެ ތެރެއިން ފަނިފަކްސާ ނަގަން ޖެހުނު.". އެކަަކު ބުނެފައި ވެއެވެ.

"ބޮލުގައި ހުރި ޒަަހަމާއެކު ދެލޮލަށް އަސަރުކުރަމުން ދޭ. އަހަރެންގެ މޭކަށިގަނޑުގައި އަނެއްކާވެސް އިތުރު ޒަހަމެއް އުފެދިފައި އޮތުމުން އެއްވެސް ވަރަކަށް ހަރަކާތެއް ނުކުރެވޭނެ،" ހޮސްޕިޓަލުގައި އޮތް ބަލި މީހަކު ބުނެފައި ވެއެވެ.

އދ.ގެ ސިއްހީ އިދާރާއިން ޒަމާނުއްސުރެ ގޮވާލަމުން ދަނީ ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވާ ޣައްޒާގައި ވަގުތުން އިންސާނީ ހަނގުރާމަ ހުއްޓާލުމަށެވެ.

ޣައްޒާގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަފާހްގެ ހާލަތުވެސް ގޯހެވެ، އެތަނަށް އިންސާނީ އެހީތެރިކަން ފޯރާފައި ވަނީ ވަރަށް މަދުން ކަމަށްވާތީ، އެތަނޔގެ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސްވަމުން ކަމަށް އަލްޖަޒީރާގެ ނޫސްވެރިން ރިޕޯޓް ކުރެއެވެ.

އެ ނޫސްވެރިޔާ ބުނެފައި ވަނީ ކާބޯތަކެއްޗާއި ފެނަށް ކިޔޫގައި ތިބޭ މީހުންގެ މަންޒަރަކީ ރަފާހް ސިޓީގެ ބައެއް ސަރަހައްދުތަކުގައި ދެގުނަ އިތުރުވެ، ތިން ގުނަ އިތުރުވަމުން އަންނަ މަންޒަރެއް ކަމަށެވެ.

އަދި މިތަނުގެ ބާޒާރުގައި ކާބޯތަކެތީގެ ބާވަތްތައް އެހާ ބޮޑަށް ދަށަށް ގޮސްފައި މިވަނީ ޖީބަށް ނަގުދު ފައިސާކޮޅެއް އަޅައިގެން ތަނަވަސްކަން ލިބިފައިވާ މީހުންނަށް އެކަނި އާއިލާއަށް ބޭނުންވާ ތަކެތި ގަނެވޭތީ ކަމަށްވެސް ބުނެފައި ވެއެވެ.