ލުބްނާންއަށް ނިސްބަތްވާ ހުސެއިން ބަރްޖާވީ އޭނާގެ އަންހެން ދަރިފުޅާއި އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނަށް ރޭގަނޑުގެ ކެއުމަށް ދައުވަތު ދިނުމުން އެ އާއިލާ އައެވެ. އެހެން ނަމަވެސް އެ ދައުވަތު ވެގެން ދިޔައީ ގާތްގަނޑަކަށް މުޅި އާއިލާ އެކީ ދުނިޔެއިން ފޮހެވިގެން ދިޔަ ދައުވަތަަަށެވެ.

ލުބްނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީން ބުނީ ނަބަތިއްޔާ ސިޓީއަށް ދިން ހަމަލާގައި އާއިލާގެ ފަސް މެމްބަރުން ކަމަށްވާ ހުސެއިން ބަރްޖާވީ އާއި އޭނާގެ އަންހެން ދަރިން ކަމަށްވާ އަމާނީ އާއި ޒީނަބާއި އޭނާގެ ކޮއްކޮ ފާތިމާ އަދި ޒީނަބުގެ ދަރިފުޅު މަހުމޫދު އަމޭރު ޝަހީދުވެފައިވާ ކަމަށެވެ.

މިއީ މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލާއި ލުބުނާނުގެ ބާރުގަދަ ހިޒްބުﷲ ހަރަކާތާ ދެމެދު ބޯޑަރު ހުރަސްކޮށް ހިނގި ހަމަނުޖެހުންތަކަށް ފަހު ލުބުނާނަށް ދިން އެއް ހަމަލާގައި އާންމުން ޝަހީދުވި ހާދިސާއެވެ.

އަދި ޝަހީދުވި މީހުންގެ އަދަދު މިއަށްވުރެ ވެސް މައްޗަށް ހިނގައިދާނެ ކަމަށް ބެލެވޭއިރު، ބަރްޖާވީގެ އަނބިކަނބަލުންނާއި ކޮއްކޮއެއް މަރާއި ހަނގުރާމަ ކުރަމުންދާތީއެވެ. ކުޑަ ފިރިހެން ކުއްޖެއް ކަމަށްވާ ހުސައިން، އެ އިމާރާތުގެ ދަށުން ދިރިހުއްޓާ ވަނީ ނަގާފައެވެ.

ދެކުނު ލުބްނާނުގެ އޮފިޝަލެއް ކަމަށްވާ އަމީން ޝޯމާރު ވިދާޅުވީ އަލީ އަމީރާއި އޭނާގެ އަނބިކަނބަލުންނާއި އުމުރުން ތިން އަހަރާއި ހަތަރު އަހަރުގެ ދެ ފިރިހެން ދަރިންނަށް "ރޭގަނޑުގެ ކެއުމަށް ނަބަތިއްޔާގައި ހުންނަ އޭނާގެ އަނބިކަލުންގެ ބައްޕަގެ ގެއަށް ދައުވަތު ދިން" ކަމަށެވެ.

މި ހަމަލާގައި އަމޭރު "ވަރަށް ބޮޑަށް ޒަހަމްވެފައިވާ" ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާގެ އަނބިލަނބަލުންނާއި ދަރިފުޅު ޝަހީދުވެ، އޭނާގެ އަނެއް ދަރިފުޅު ދިރިހުއްޓާ އިމާރާތުގެ ދަށުން ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މި ހަމަލާއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނަބަތިއްޔާގެ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ލޯކަލް އެޑްމިނިސްޓްރޭޓިވް އޮފީސްތައް ބަންދުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮލުގައިރިއްސާ

    ތި ފޮޓޯ އާއި ޚަބަރާއި އޮތީ ކޮންގުޅުމެއް.. އެ ފޮޓޯގައިވަނީ ކްރިސްޓިއަނުނާއި ގުޅުން ހުރި ޑިނާއެއް. އަދި އެވާހަކަ ތިރީގަ އިނގިރޭސިން ލިޔެފަވެސް އެބައޮތް... އެ ފޮޓޯގަ ވައިންވެސް އެބަފެނޭ.. ބިރުވެރި މަންޒަރެއް މިއީ