އިސްރާއީލުގެ ދެކުނުގައި ދިން ބަޑީގެ ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުގެ މަސްދަރުތަކާ ހަވާލާދީ އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.

މި ހާދިސާގައި އިތުރު ހަތަރު މީހަކަށް އަނިޔާވެފައިވާ އިރު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްއެވެ. ދެ މީހެއްގެ ހާލު އާދައިގެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފުލުހުންގެ ތަރުޖަމާނު އެލީ ލެވީ އާމީ ރޭޑިއޯއަށް ވިދާޅުވީ މަސްމިއާ ޖަންކްޝަންގެ ބަސް ސްޓޭޝަނަކަށް ހަމަލާދިން ކަމަށް ޝައްކުކުރެވޭ މީހަކު މީހުންނާ ދިމާލަށް ބަޑި ޖަހާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ "ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށާއި، މިއީ ސަލާމަތީ ހާދިސާއެއްތޯ ބެލުމަށް ފުލުހުންގެ ވެރިޔާ އެތަނަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އިތުރު ބަޔަކު ހަރަކާތްތެރިވުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާތީ، އެ ސަރަހައްދަށް ނުދިއުމަށް ލެވީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އިސްރާއީލުގެ އެމްބިއުލާންސް ސާވިސް އިން ބުނީ ސީރިއަސް ހާލަތުގައި ތިބި ތިން މީހަކާއި އާދައިގެ ހާލުގައި ހުރި އަންހެނަކަށް ފަރުވާދީ ހޮސްޕިޓަލްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.