އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން އަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ކާރެއް ހަދިޔާ ކުރައްވައިފި ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އިން ރިޕޯޓު ކޮށްފިއެވެ.

ރަޝިއާގައި އުފައްދާފައިވާ އެ ކާރު ވަނީ ކިމްގެ އެންމެ އަރިސް ބޭފުޅުންނާއި ހަމައަށް ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހު ފޯރުކޮށްދީފައި ކަމަށާއި، އެ ކާރު ހަދިޔާ ކޮށްފައިވަނީ ކިމްގެ އަމިއްލަ ބޭނުމަށް ކަމަށް ކޭސީއެންއޭ އިން ވަނީ ބުނެފައެވެ.

ޕޫޓިން އެ ކާރު ހަދިޔާ ކުރައްވާފައިވަނީ ދެ ބޭފުޅުންގެ މެދުގައި އޮންނަވާ “ހާއްސަ އަމިއްލަ ގުޅުންތަކުގެ“ ރަމްޒެއްގެ ގޮތުން ކަމަށް ކޭސީއެންއޭ އިން ބުނެފައި ވެއެވެ.

”އެ ހަދިޔާއަކީ އުތުރު ކޮރެއާ އާއި ރަޝިއާގެ ލީޑަރުންގެ މެދުގައި ހާއްސަ އަމިއްލަ ގުޅުންތަކުގެ ސާފު ރަމްޒެއް ކަމަށް ވިދާޅުވެ، ކިމްގެ ކޮއްކޮ ކިމްް ޔޯ ޖޮންގް ވަނީ ވަނީ ކިމް ޖޮން އުން ގެ ފަރާތުން ޕޫޓިންއަށް ޝުކުރު އަދާކުރައްވާފައި،” ކޭސީއެންއޭ އިންް ބުނެފައި ވެއެވެ.

ޕޫޓިންގެ މި ހަދިޔާ އަކީ އދ އިން އުތުރު ކޮރެއާ އާއި ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާއި ހިލާފަށް ދީފައިވާ ހަދިޔާއެކެވެ. އެ ފިޔަވަޅުތަކުގެ ދަށުން އުތުރު ކޮރެއާ އަށް ދަތުރުފަތުރު ކުރާ އެއްވެސް އުޅަނދެއް ފޯރުކޮށްދިނުން އޮންނަނީ މަނާ ކޮށްފައެވެ.

ކިމް އަކީ އެންމެ މޮޅެތި ބްރޭންޑުތަކުގެ އަގުބޮޑެތި އެތައް ކާރެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށްވެއެވެ.

ސެޕްޓެމްބަރު މަހު ރަޝިއާ އަށް ކުރެއްވި ދަތުރުފުޅުގައި ކިމް ވަނީ ޕޫޓިންގެ ކާރު ކޮޅަށް ތައުރީފު ކުރައްވާފައެވެ. އަދި އެއަށްފަހު ޕޫޓިން ވަނީ އެ ކާރުގައި ދަތުރު ކުރެއްވުމަށް ކިމް އަށް ދައުވަތުވެސް އަރުވާފައެވެ.

ޕޫޓިން ކިމް އަށް ހަދިޔާ ކުރެއްވީ ކޮން ބްރޭންޑެއްގެ ކާރެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކިމް އާއި ޕޫޓިން އަކީވެސް ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރި ކޮށްލާފައިވާ ދެ ބޭފުޅުންނަށް ވާއިރު، 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ރަޝިއާ އިން ޔޫކުރޭނަށް އެރުމަށް ފަހު އެ ދެބޭފުޅުންގެ ގުޅުންތައް ވަނީ ވަރުގަދަ ކުރައްވާފައެވެ.