އިސްރާއީލުން އަސްކަރީ ގޮތުން ޣައްޒާ ހިސޯރު ކޮށްފައި އޮތް އޮތުން މިހާރުން މިހާރަށް ނިންމަން ޖެހޭ ކަމަށް އެކުވެރި އަރަބި އިމާރާތް ( ޔޫއޭއީ ) އިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުގައި ބުނެފިއެވެ.

އިސްރާއީލުން ފަލަސްތީނު ހިފާ އަޅުވެތިކޮށްގެން އުޅޭ މައްސަލައިގައި މިހާރު ދުނިޔޭގެ ކޯޓުގައި ކުރިއަށްދާ އަޑުއެހުންތަކުގައި ވާހަކަ ދައްކަވަމުން ޔޫއޭއީ ގެ ސަފީރު ލާނާ ޒަކީ ނުސެއިބާ ވިދާޅުވެފައި ވަނީ އިސްރާއީލުގެ އަޅުވެތިކަމުން ޣައްޒާ މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި ގަދަކަމުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ އެހެން ތަންތަނަށް ބަދަލުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ގާނޫނާއި ހިލާފަށް ޔަހޫދީން އާބާދުކޮށް ހަދާފައިވާ އަވަށްތައް އިސްރާއީލުން ނަގަން ޖެހޭނެ ކަމަށާއި، އަދި އެ އަވަށް ތަކުގައި ދިރިއުޅޭ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ވެސް އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް ހުއްޓުވެން ޖެހޭނެ ކަމަށް ނުސެއިބާ ވަނީ ދުނިޔޭގެ ކޯޓުގެ ޖަޖުންގެ ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

އިސްރާއީލުން އިރުމަތީ ގުދުސް އަކީ އެމީހުންގެ ބިމެއް ކަމަށް ބުނާ ބުނުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާއި މުޅިން ހިލާފު ބުނުމެއް ކަމަށާއި، އެހެން ކަމުން އިސްރާއީލުގެ އެ ދައުވާ އަކީ އުފެދުމުގައިވެސް ބާތިލް ދައުވާއެއް ކަމަށް ޔޫއޭއީ އިން ވަނީ ބުނެފައެވެ. އަދި އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގެއް ކަމަށް ވެސް ޔޫއޭއީ އިން ވަނީ ބުނެފައެވެ.

ޔޫއޭއީގެ އިތުރުން އިއްޔެ ކޯޓުގައި ވާހަކަ ދެއްކި މިސްރާއި ރަޝިއާ އަދި ފްރާންސުންވެސް ވަނީ އިސްރާއީލުން ފަލސްތީނުގެ ބިން ހިފައި އެ ބިމުގައި ޔަހޫދީން އާބާދު ކުރުވުން ހުއްޓަން ޖެހޭ ކަމަށް ބުނެފައެވެ.

ނަމަވެސް އެއާއި ހިލާފަށް އެމެރިކާއިން ވަނީ އިސްރާއީލުން ހިފާ އަޅުވެތިކޮށްގެން އުޅޭ ފަލަސްތީނުގެ ސަރަހައްދުތަކުން ފޭބުމަށް އިސްރާއީލަށް އަންގައިގެން ނުވާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަކުޑިބޯ

    ޏިމުމަކަށްއަންނާނީ ޢަރަބީން އެއްބައިވަންތައެއްބައެއްވަންތަ ބަޔަލަށްވީދުވަހަކުން! އެހެންނުވާނަމަތިޔަކަމަށް ނިމުމެއްނެތް!