ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގައި ޔޫއެސް އެއިޑްގެ މަސައްކަތް ތެރި އެއް މަރާލުމުން އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީން ހިތާމަ ފާޅުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޔަހޫދީ އިސްރާއީލްގެ ޖައްފާ ސަހަރުގައި ވަނީ ޔޫއެސް އެއިޑްގެ މަސައްކަތްތެރި އެއް ކަމަށްވާ ޔައުޤޫބް ޓޯޚީ އަށް ހަމަލާދީ ވަރަށް އަނިޔާވެރި ކޮށް މަރާލާފައެވެ. އޭނާ އަށް ހަމަލާދީފައި ވަނީ އޮފް ޑިއުޓީގައި ހުރި އިސްރާއީލްގެ ފުލުހެކެވެ.

އިސްރާއީލްގެ ދުވަހު ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިސްރާއީލުން ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ ޓޯޚީ އަށް ހަމަލާދީފައި ވަނީ އޭނާ ސައިކަލުގައި ދުއްވާފައި ދަނިކޮށް އޮފް ޑިއުޓީ ފުލުސް މީހާ އޭނާ ހުއްޓުވުމަށް ފަހު ކަމަށެވެ. އަދި އެ ވަގުތު އޭނާ ހުރީ އޭނާގެ ޔޫއެސް އެއިޑްގެ ޕެރަމެޑިކް ޔުނީފޯމް ވެސް ލައިގެން ކަމަށް ޓައިމްސް އޮފް އިސްރާއީލުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޔަހޫދީ ފުލުސް މީހާ އޭނާ އަށް އަނިޔާ ކޮށް އެންމެ ފަހުން ވަނީ އޭނާ ގަޔަށް ބަޑި ޖަހާ އޭނާ މަރާލާފައެވެ.

ޔައުޤޫބް ޓޯޚީ އަކީ ފަލަސްތީނުގެ ނަސްލަށް ނިސްބަތްވާ އިސްރާއީލުގެ ރައްޔިތެކެވެ. ޔަހޫދީ އިސްރާއީލްގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ ގައުމުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެންދޭ ނަފްރަތުގެ ހަމަލާތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

ފުލުހުން މިހާރު ވަނީ ޓޯޚީ މަރާލި ފުލުސް އޮފިސަރު ހައްޔަރު ކޮށްފައެވެ. އަދި މި މައްސަލަ ވަރަށް ހަރުކަށި މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ޔަހޫދީ އިސްރާއީލުގެ ފުލުހުން ވަނީ މީޑިއާ ތަކަށް ދިން އިންޓަވިއު އެއްގައި ބުނެފައެވެ.

އެމެރިކާގެ ސަރުކާރުގެ އެހީދޭ މައި އިދާރާ ޔޫއެސް އެއިޑް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީ ދިނުމަށް މަސައްކަތް ކުރާ އިދާރާއެކެވެ. އެ ގޮތުން އެ އިދާރާގެ ހަރަކާތްތައް އެފްރިކާ ބައްރާއި އޭޝިއާގައި ވަރަށް ގިނައިން ހިންގައެވެ.