މިދިޔަ ހަފްތާ ބަންދުގައި މުޅި ދުނިޔެ ސިއްސުވާލި އިރާނުން އިސްރާއީލަށް ދިން ހަމަލާ ހުއްޓުވަން ސައުދީ އަރަބިއްޔާ އާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު އެމެރިކާ އަށް ނުދޭކަން ހާމަވެއްޖެއެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާ އަދި އެކުވެރި އަރަބި އިމާރާތުން ވެސް ވަނީ އެމެރިކާ އަށް އިރާނު ހަމަލާގެ ޖާސޫސީ މައުލޫމާތު ފޯރުކޮށްދީފައެވެ. އަދި މި ޖާސޫސީ މައުލޫމާތުތައް ވީ އިރާނުގެ ވަރުގަދަ މިސައިލްގެ ވާރޭ ހުއްޓުވުމަށް އެމެރިކާ އަށް ވަރަށް ބޭނުންތެރި މައުލޫމާތު ތަކަކަށެވެ. ނަމަވެސް އިރާނުގެ ހަމަލާ ހުއްޓުވުމަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެމެރިކާ އިން އެދުމުން އެ ދެ ގައުމުން ވެސް ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ސައުދީ އަރަބިއްޔާ އާއި އެކުވެރި އަރަބި އިމާރާތުން ދަނީ އިރާނާއި އެކު ގޯސްވެފައިވާ ހާރިޖީ ގުޅުންތައް އަލުން ރަނގަޅު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މި ދެ ގައުމުން ވަނީ އިރާނާއި އެކު ރަނގަޅު ހާރިޖީ ގުޅުމެއް ޤާއިމްކޮށްފައެވެ.

އިރާނުގެ ހަމަލާ ނާކާމިޔާބު ކޮށްލަން ސައުދީ އާއި ޔޫއޭއީ އިން އެމެރިކާ އަށް އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ނުދިނީ އިރާނާއި އެކު މިހާރު ރަނގަޅު ވެފައިވާ ހާރިޖީ ގުޅުން ގޯސްވެދާނެތީއެވެ. އަދި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކާއި އެކީ އޮންނަ ގުޅުން ވެސް މި ދެ ގައުމަށް މުހިއްމު ކަމުން އިރާނު ހަމަލާގެ ޖާސޫސީ މައުލޫމާތު އެމެރިކާ އަށް ދިނީ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެއެވެ. އެހެންކަމުން މި ދެ ގައުމުން ވަނީ ހާރިޖީ ގުޅުންތައް ވަރަށް ރަނގަޅަށް ބެލެންސް ކޮށްފައެވެ.

ސައުދީ އަރަބިއްޔާ އިން އިސްރާއީލާއި އެކީ އެއްވެސް ކަހަލަ ހާރިޖީ ގުޅުމެއް ނުބާއްވައެވެ. ނަމަވެސް އެކުވެރި އަރަބި އިމާރާތުން ވަނީ އިސްރާއީލާއި އެކީ ކޮންމެވެސް ވަރަކަށް ހާރިޖީ ގުޅުން ޤާއިމް ކޮށްފައެވެ. އަދި ވަރަށް ފަހުން ވަނީ އިސްރާއީލްގެ އާންމުން އުފުލާ މަތިންދާބޯޓުތަކަށްވެސް އެ ގައުމުގެ ވައިގެ ސަރަހައްދު ހުޅުވާލާފައެވެ.

" އެކުވެރި އަރަބި އިމާރާތަށް އަމިއްލަ ގައުމުގެ ސުލްހަ މަސަލަސްކަން މާ މުހިއްމު ވާން ޖެހޭނެ. އަމިއްލަ މަސްލަހަތަށް ބުރޫ އަރާނެ ކަމެއް ޔޫއޭއީ ގެ ވެރިން ނުކުރާނެ. އިރާނާއި އެކީ ވެސް ގުޅުން ހަރުދަނާ ކުރަން ޖެހޭ އަދި އިސްރާއީލާއި އެކީ ވެސް މިހާރު އޮތް ގުޅުން ބާއްވަން ޖެހޭ. އެހެންވުމުން ވަކި ކޮޅަކަށް ހިއެއް ނުވޭ ޔޫއޭއީ ވެރިން ޖެހޭނެ ހެނެއް." ޔޫއޭއީ ގެ ސިޔާސީ މުފަައްކިރެއް ކަމަށްވާ އަބްދުލްޚަލެގް އަބްދުﷲ އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އަށް ކިޔައިދިނެވެ.

ސައުދީ އާއި އެކުވެރި އަރަބި އިމާރާތުން މަސައްކަތް ކުރަމުންދަނީ އިރާނުން މެދުއިރުމަތީގައި ބޮޑު ހަނގުރާމަ އެއްގެ ހުޅު ޖަހާފާނެތީ އެކަން ހައްލު ކުރަން ކަމަށް އެކުވެރި އަރަބި އިމާރާތުގެ ސިޔާސީ މުފައްކިރެއް ކަމަށްވާ އަބްދުލްޚަލެގް އަބްދުﷲ ވަނީ އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އަށް ބުނެފައެވެ.