އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ބިލުގައި އެގައުމުގެ ރައީސް ޖޯ ބައިޑެން ތަސްދީގު ކޮށްފިއެވެ.

މިދިޔަ މާރޗް މަހު 14 ވަނަ ދުވަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން މި ބިލް ވަނީ ފާސްކޮށްފައެވެ. ބިލް ފާސްވުމާއެކު ރައީސް ޖޯ ބައިޑަން ވަނީ އެ ބިލް އެމަނިކުފާނުގެ މޭޒުމައްޗަށް އަރައިފި ނަމަ ގާނޫނަކަށް ހަދައި ސޮއި ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިބިލް ތަސްދީގުކުރެއްވީ އިއްޔެގައެވެ.

މިގޮތަށް އަމަލުކުރަން އެމެރިކާއިން ނިންމީ އެ ޤައުމުގެ 170 މިލިޔަން މީހުން ޓިކްޓޮކް ބޭނުން ކުރަމުންދާތީ އޭގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެދާނެ ކަމަށް ބުނެއެވެ. ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏެއްގެ އުފެއްދުމެއް ކަމަށް އެމެރިކާގެ ބައެއް ފަރާތްތަކުން ދެކެއެވެ. އެމެރިކާއިން ދެކޭ ގޮތުގައި އެ އެޕްގެ ޔޫޒަރުންގެ ނާޒުކު މައުލޫމާތުތައް ޗައިނާއަށް ލިބެން އޮތުމަކީ ނުރައްކަލެކެވެ.

އެ ބިލު އޮތް ގޮތުން ޓިކްޓޮކްގެ ވެރި ކުންފުނި، ބައިޓްޑާންސްއިން ހަ މަސް ތެރޭގައި އެ އެޕް ދޫކޮށްނުލައިފި ނަމަ އެމެރިކާގެ އެޕްސްޓޯތަކުން ޓިކްޓޮކް ނަގަން މަޖުބޫރުވާނެއެވެ. އޭގެ ފަހުން ވެސް އެޕްސްޓޯއެއްގައި އެ އެޕް ބަހައްޓައިފި ނަމަ ބޭނުން ކުރާ ކޮންމެ މީހަކަށް 5000 ޑޮލަރުގެ މަގުން އެޕްސްޓޯ ޖޫރިމަނާ ކުރެވޭނެއެވެ. އެޕަލް އަދި ގޫގަލް ފަދަ ކުންފުނިތައް އެ އެޕް ނުނަގައިފި ނަމަ 800 ބިލިއަން ޑޮލަރުން މަތީގެ ޖޫރިމަނާއާ ކުރިމަތިލާން ޖެހޭނެއެވެ.

ޓިކްޓޮކް ހިންގާ ކުންފުނިން ވަނީ ޓިކްޓޮކް މަނާކުރުމާ ދެކޮޅު ހަދައި ބަޔާނެއް ވެސް ނެރެފައެވެ. އަދި ޓިކްޓޮކަށް މީހުން ލާ މައުލޫމާތަކީ ވަރަށް ރައްކާތެރި ސިއްރުކުރެވޭނެ މައުލޫމާތެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. ޓިކްޓޮކުގައި ވިޔަފާރިކުރާ އެމެރިކާގެ ބޭފުޅުންނަށާއި ޓިކްޓޮކް ތަރިންނަށް އޭގެ އަސަރުކުރާނެ ކަމަށް ބުނެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓިކްޓޮކް މަނާކުރުމުން އެމެރިކާގެ އެޕް ސްޓޯރުތަކަށް ގާނޫނީ ގޮތުން ޓިކްޓޮކް ފޯރުކޮށްދިނުމާއި ބައިޓްޑާންސް ކޮންޓްރޯލްކުރާ އެޕްލިކޭޝަންތަކަށް ވެބް ހޯސްޓިން ހިދުމަތް ނުދެވޭނެއެވެ. ބައިޓްޑާންސް އިން ބުނީ މި ބިލު ތަސްދީގު ކުރައްވާތާ 165 ދުވަހުގެ ތެރޭގައި މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ.