ރަޝިއާގެ ރައީސް ކަމުގެ ފަސް ވަނަ ދައުރަކަށް އެގައުމުގެ ރައީސްކަން އެންމެ ފަހުންވެސް ކުރެއްވި ވްލަޑިމިއަރ ޕޫޓިން ހުވާ ކުރައްވައިފިއެވެ.

އިއްޔެ ރަޝިއާގެ ރިޔާސީ ގަނޑުވަރުގައި އޮތް ޕޫޓިން ހުވާ ކުރެއްވުމުގެ ހަފްލާ، އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭހެން ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން ވަނީ ބޮއިކޮޓް ކޮށްފައެވެ.

ހުވާ ކުރެއްވުމާއި ގުޅިގެން ކުރެއްވި ތަގުރީރުގައި ޕޫޓިން ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ "އުނދަގޫ" ހާލަތުން ރަޝިއާއިން ކާމިޔާބު ހޯދާނެ ކަމަށެވެ.

"އަހަރެމެންނަކީ އެއްބައިވަންތަ، މޮޅު ގައުމެއް. އެކުގައި އަހަރެމެން ހުރިހާ ގޮންޖެހުންތަކެއް ކަޑައްތު ކުރާނަން، އަހަރެމެން ރާވާފައިވާ ކަންތައްތައް ހާސިލް ކުރާނަން، އަދި އެކުގައި އަހަރެމެން ކާމިޔާބު ހޯދާނަން." 2،500 އެއްހާ މީހުން ބައިވެރިވި ހަފްލާގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވަނީ ހަނގުރާމައިގައި ބައިވެރިވާ ސިފައިންނަށް ޝުކުރު އަދާކުރައްވައި، އެއީ ވަތަނަށްޓަކައި ހަނގުރާމަ ކުރަމުންދާ ބަތަލުންތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އުމުރުން 71 އަހަރުފުޅުގެ ޕޫޓިން ވަނީ މާޗް މަހު ރަޝިއާގައި ބޭއްވި ރިޔާސީ އިންތިހާބު 87.28 އިންސައްތަ ވޯޓު ހޯއްދަވައިގެން ކާމިޔާބު ކުރައްވާފައެވެ. އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ރަޝިއާއިން ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމަ އާއި ދެކޮޅު ގިނަ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ކުރެވިފައިވާ ނުވާއިރު، އެ އިންތިހާބުގެ ގާނޫނީ ސައްހަ ކަމާއި މެދު އެނަލިސްޓުން ވަނީ ސުވާލު އުފައްދާފައެވެ.

"އެ އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި އަހަރެމެން ބަލައެއް ނުގަންނަން. އެކަމަކު ޕޫޓިން އަކީ ރަޝިއާގެ ރައީސް އަދި ޕޫޓިން އެ މަގާމުގައި ހުންނާނެ." އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު މެތިއު މިލާ ނޫސްވެރިންނާއި ވާހަކަ ދަކަވަމުން ވިދާޅުވެފައި ވެއެވެ.

ޕޫޓިން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނު ތަކެއް ހަދަން ރާވާފައިވާ ކަމަށް ރަޝިއާއިން އިއުލާން ކުރިތާ އެއް ދުވަސް ފަހުންނެވެ.

ޔޫކުރޭނުން ބުނެފައިވަނީ ޕޫޓިން އަކީ ޑިމޮކްރެޓިކް ގޮތެއްގައި އިންތިހާބުވެފައިވާ ރަޝިއާގެ ރައީސް ކަމުގައި ބަލައިގަނެވޭނެ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން

    ވެރިމީހާ ބަދަލުކުރީމައި ތަރައްގީވާނެއޭ މިއީ ހަމައެކަނި ދިވެހިންގެ ހީއެއް!