އިސްރާއީޅުގެ އަސްކަރިއްޔާއިން ރަފާހް ހުސްކުރުމުގެ އަމުރު ފުޅާކޮށް، ރަފަހް އާއި އުތުރު ޣައްޒާގެ އިތުރު އަވަށްތަކުން މީހުން ނުކުުތުމަށް އަންގައިިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔައިން ވަނީ އަލްޖަނައިނާ، ކިރްބެތު އަލް އަދަސް އަދި އަލްއަދާރީ އަވަށްތަކާއި ޝަބޫރާ ކޭމްޕުގެ ކަނޑައެޅިފައިވާ ބްލޮކްތަކުގައި ތިބި ރައްޔިތުން ވަގުތުން އެތަނުން ނުކުތުމަށް އަންގާފައެވެ.

އިސްރާއިލުގެ އަސްކަރިއްޔާގެ އަރަބި ބަހުގެ ތަރުޖަމާނު އަވިޗޭ އަދުރައި އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ "މިހާރުން މިހާރަށް އަލްމަވާސީ ސަރަހައްދަށް ދިއުމަށް" ރައްޔިތުންނަށް އަންގާފައެވެ.

ރަފާހް ހުސްކުރުމުގެ އަމުރުތައް ފުޅާކުރުމުގެ އިތުރުން، އިސްރާއީލުން ވަނީ ޖަބާލިއާ އާއި ޣައްޒާގެ އުތުރުގެ ސަރަހައްދުތައް ހުސްކުރުމަށް ވެސް އަންގާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިގޮތަށް އަންގާފައި ވަނީ ސަލާމަތީ ވަޒީރުންގެ މަޖިލީހުން ފަލަސްތީނުގެ ޣައްޒާގެ ރަފަހްގެ ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ފުޅާ ކުރަން ފާސްކޮށްފައި ވަނިކޮށެވެ.

ޣައްޒާގެ 1.4 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދިޔަ ރަފަހްއަށް އަރައިގަނެ ނިރުބަވެރިން ހަމަލާތައް ދޭން ފެށީ މެއި ހައެއްގައެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ގަތުލު އާންމުތައް ހިންގާފައިވާ އެތަނުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފިނަމަ އިންސާނީ ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އެތައް ފަހަރަކު ވަނީ އިންޒާރު ދީފައެވެ.

ނިރުބަވެރިން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި ޝަހީދުވި މީހުންގެ އަދަދުތައް ދަނީ 35،000 އާ ގާތް ކޮށްފައެވެ.