ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ރޭގަނޑުގެ ވަގުތު ހަމާސް އާއި ދެކޮޅަށް ދޭ ހަމަލާތަކުގައި އާންމު ރައްޔިތުންނަށް ވެސް ޤަސްތުގައި ހަމަލާދޭ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް އޮތޯރިޓީން ބުނެފިއެވެ.

ފަލަސްތީނުގެ ސިވިލް އޮތޯރިޓީގެ މެމްބަރަކު އަލް ޖަޒީރާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ރޭ ދިން އަނިޔާވެރި ހަމަލާގައި އާންމު ރައްޔިތުން ދިރިއުޅޭ 3 ގެ އަކަށް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސް ގެ ޑިރެކްޓަރު އަހުމަދު އަލް ޚަހްލޮތް އަލް ޖަޒީރާ އަށް ވިދާޅުވީ ޔަހޫދީން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން އަނިޔާވެރި ހަމަލާގައި އާންމުންގެ 3 ގެ އަކަށް ހަމަލާދިނުމުން، އެ 3 ގެ އެއްކޮށް ސުންނާފަތިވެފައިވާ ކަމަށާއި ސިއްހީ އެހީތެރިން އެ ގެ ތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ރަފަހް އަށް އެއްގަމު މަގުން ބަރު ހަތިޔާރާއި އެކީ އަރާފައެވެ. ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް ނޭރުމަށް މުޅި ދުނިޔެ އިސްރާއީލަށް ގޮވާލާފައި ވަނިކޮށް ޔަހޫދީންގެ މި އަނިޔާވެރި އަމަލާއި ގުޅިގެން ފަލަސްތީނުން އެތައް ހާސް ބަޔަކު ޝަހީދުވެ އެތައް ލައްކަ ބަޔަކު އަނެއްކާ ވެސް މަގުމަތިވާނެ ކަމަށް އދ އާއި ދުނިޔޭގެ އިންސާނީ އެހީދޭ ޖަމިއްޔާތަކުން ވަނީ އިންޒާރު ދީފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާގެ ރަފަހް އަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. އަދި އަނިޔާވެރި ޔަހޫދީން ވަނީ ޣައްޒާ އަށް އިންސާނީ އެހީ ވައްދާނެ ހުރިހާ ދޮރެއްވެސް ބަންދުކޮށްފައެވެ.

ޣައްޒާ އަށް އަވަސް އެހީ ބޭނުންވާ ކަމަށާއި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ރަފަހް ބޯޑަރު ހުރަސް އެއްކޮށް ބަންދުކުރުމުން މިހާރު ޣައްޒާ އަށް ފެނާއި ތެޔޮ ވެސް އެތެރެ ކުރެވޭނެ ގޮތެއް ނެތް ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އދ ގެ އެޖެންސީ އިން ވަނީ ބުނެފައެވެ.