އިސްރާއީލުގެ ސަލާމަތީ ވަޒީރުންގެ މަޖިލީހުން ފަލަސްތީނުގެ ޣައްޒާގެ ރަފަހްގެ ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ފުޅާ ކުރަން ފާސްކޮށްފިއެެވެ.

ޣައްޒާގެ 1.4 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދިޔަ ރަފަހްއަށް އަރައިގަނެ ނިރުބަވެރިން ހަމަލާތައް ދޭން ފެށީ މެއި ހައެއްގައެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ގަތުލު އާންމުތައް ހިންގާފައިވާ އެތަނުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފިނަމަ އިންސާނީ ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އެތައް ފަހަރަކު ވަނީ އިންޒާރު ދީފައެވެ.

އެ އިންޒާރަށް ބެލުމަށް ނެތި ނިރުބަވެރިން އޮޕަރޭޝަންތައް ކުރިއަށްދާއިރު، ރަފަހްގައި އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް)ގެ އޮޕަރޭޝަން ފުޅާކުރުމަށް ރުހުން ދިނުމަށް ސަލާމަތީ ވަޒީރުންގެ މަޖިލީހުން ރޭ ވޯޓު ދީފައިވާ ކަމަށް ހިބްރޫ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ރަފަހްގެ އާބާދީއަށް އިސްރާއީލުން ވަދެއްޖެނަމަ އެ ގައުމަށް ދޭ ބައެއް ހަތިޔާރު ގެނައުން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން މި ހަފުތާގެ ކުރީކޮޅު ވަނީ ދެއްވާފައެވެ.

މިކަމާއި ގުޅިގެން ބައިޑެންގެ ސަރުކާރު ނުތަނަވަސް ނުވާނެ ގޮތަށް މި އޮޕަރޭޝަން ފުޅާކުރުން އެކަށީގެންވާ މިންވަރަށް ލިމިޓް ކުރާނެ ކަމަށް ބުނާ ދެ ފަރާތަކާ ހަވާލާދީ އެކްސިއޯސް ނިއުސް ސައިޓުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަލާމަތީ ވަޒީރުންގެ މަޖިލީހުން ވަނީ ޣައްޒާގައި ބަންދުކޮށްފައި އިސްރާއީލުގެ މީހުންނާއި ގުޅޭގޮތުން މަޝްވަރާ ޓީމަށް، ކާމިޔާބު ހޯދުމުގެ އުއްމީދުގައި އާ ހުށަހެޅުމެއް އެކުލަވައިލައި، އެ އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންގުމަށް ވެސް ވޯޓު ދީފައެވެ.

ހަރުކަށި ފިކުރުގެ ދެ ވަޒީރުން ކަމަށްވާ އިޓަމާރު ބެން ގްވީރު އާއި ބެޒަލޭލް ސްމޮޓްރިޗް އެ ނިންމުމާ ދެކޮޅަށް ވޯޓު ދިން ނަމަވެސް އެ ދެ ވަޒީރުންގެ ވޯޓުުން އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.

އިސްރާއީލުގެ އޮފިޝަލަކު ޓައިމްސް އޮފް އިސްރާއީލަށް ކަށަވަރުކޮށްދިން ގޮތުގައި ސަލާމަތީ ވަޒީރުންގެ މަޖިލީހުން ރަފަހުގައި އައިޑީއެފްގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ރުހުން ދިން ނަމަވެސް އެކަމުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.