ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް އެމެރިކާގެ އެކި ހިސާބުތަކުގައި ދަރިވަރުން ކުރަމުން ދިޔަ މުޒާހަރާތައް އެމެރިކާގެ ފުލުހުން ރޫޅާލައިފިއެވެ.

އެމެރިކާގެ އެކި ސްޓޭޓް ތަކުގެ ޔުނިވާސިޓީ ތަކުގައި ކޭމްޕު ޖަހައިގެން ފަލަސްތީނަށް ތާއީދުކޮށް ޔުނިވާސިޓީ ތަކުގެ ދަރިވަރުން ކުރަމުން ދިޔަ މުޒާހަރާތައް އެމެރިކާގެ ސަރުކާރުން ވަނީ ކުށްވެރި ކޮށްފައެވެ. އަދި އެމެރިކާގެ ފުލުހުން މި މުޒާހަރާތައް ރޫޅާލާފައިވަނީ ބާރުގެ ބޭނުން ކޮށްގެން ކަމަށް އެމެރިކާގެ މީޑިއާ ތަކުން ވަނީ ބުނެފައެވެ.

ޔަހޫދީ އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅާލުމުގެ ތެރެއިން ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންނާއި ފުލުހުންގެ ދެމެދު ވަނީ ހަމަނުޖެހުންތައް ހިނގާފައި ކަމަށް މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައެވެ.

އެމެރިކާގެ އެކި ސްޓޭޓްތަކުގައި ދަރިވަރުން ކުރި މުޒާހަރާތަކުގައި ފުލުހުން ވަނީ އެތައް ސަތޭކަ ދަރިވަރުންނެއް ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން އިއްޔެ ޕެންސަލަވޭނިވާ ސްޓޭޓްގެ ޔުނިވާސިޓީ އޮފް ޕެންސަލަވޭނިއާގައި ދަރިވަރުން ޖަހާފައިވާ ކޭމްޕްތައް ނެގުމުގެ ތެރޭގައި ފުލުހުން ވަނީ 33 ދަރިވަރުން ހައްޔަރުކޮށްފައެވެ. މި ކޭމްޕަކީ 2 ހަފްތާ ވަންދެން ދަރިވަރުން މެދުނުކެނޑި މުޒާހަރާތައް ކުރަން ބޭނުން ކުރި ކޭމްޕެކެވެ.

އެމެރިކާގެ މަޝްހޫރު މެޝިޗުސެޓްސް އިންސިޓިއުޓް އޮފް ޓެކްނޮލޮޖީގައި ދަރިވަރުން ޤާއިމު ކޮށްފައިވާ ކޭމްޕުތައް ރޫޅާލުމަށް ފުލުހުން އައިސްފައިވަނީ ހެނދުނު 4:00 ގައި ކަމަށް އެމެރިކާގެ މީޑިއާތަކުން ވަނީ މައުލޫމާތުދީފައެވެ. އަދި ފުލުހުން ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އެ ޔުނިވާސިޓީން 10 ދަރިވަރުން ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ފުލުހުން ވަނީ ނިއު މެކްސިކޯ ސްޓޭޓްގެ ލަސް ކުރޫސެސް ސިޓީގައި ހުންނަ ނިއު މެކްސިކޯ ޔުނިވާސިޓީގައި ދަރިވަރުން ކުރަމުން ދިޔަ މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައި 13 ދަރިވަރުން ހައްޔަރުކޮށްފައެވެ. އަދި އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ ޓުކްސަން ސަހަރުގައި ހުންނަ ޔުނިވާސިޓީ އޮފް އެރިޒޯނާ އިން ވެސް އެމެރިކާގެ ފުލުހުން ވަނީ 10 ދަރިވަރުން ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ގިނަ ޔުނިވާސިޓީ ތަކުގައި ދަރިވަރުން ކުރި މުޒާހަރާތައް މިހާރު ރޫޅާލާފައިވާ އިރު ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ފަލަސްތީނަށް ތާއީދުކުރުމުން ޖަލަށްލާފައެވެ.