ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް ލުބުނާންގެ ދެކުނުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާ ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.

ހިޒްބުﷲ ޖަމާއަތުން އެ ގުރޫޕުން މީސް މީޑިއާ ޕުލެޓްފޯމް ޓެލެގުރާމް ގައި ހިންގާ ޗެނަލް އެއްގައި ބުނެފައިވަނީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ އަސްކަރީ މަރުކަޒަކަށް ކާމިޔާބު ހަމަލާތަކެއް ދެވިއްޖެ ކަމަށެވެ.

ހިޒްބުﷲ ގެ ތަރުޖަމާނާއި ހަވާލާދީ ލުބުނާނުގެ ލެބަނަން ނޭޝަނަލް ނިއުސް އެޖެންސީ އިން ބުނެފައިވަނީ މި ހަމަލާތައް އަމާޒުކޮށްފައި ވާނީ ލުބުނާނާއި ޔަހޫދީ އިސްރާއީލާއި ގުޅޭ ސަރަހައްދީ އިން ކައިރީގައި އޮންނަ ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ މަރުކަޒެއް ކަމަށްވާ ރަމިއާ އަށެވެ

ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ރަމިއާ އަސްކަރީ މަރުކަޒަކީ ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ހަމަލާދިނުމަށް އިސްރާއީލުން ވަރަށް ގިނައިން ބޭނުން ކުރާ އަސްކަރީ މަރުކަޒެކެވެ. އަދި ލުބުނާން އާއި ކައިރި ކަމުން މި އަސްކަރީ މަރުކަޒުގައި އިސްރާއީލްގެ ބައިވަރު ސިފައިން މަރުކަޒުވެ ހަނގުރާމަ އަކަށް ތައްޔާރުވެ ތިބެއެވެ. އެހެން ކަމުން ރަމިއާ އަސްކަރީ މަރުކަޒަކީ ޔަހޫދީ އަސްކަރިއްޔާ އަށް ވަރަށް މުހިއްމު މަރުކަޒެކެވެ.

ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން ބުނެފައިވާ ގޮތުގައި ރަމިއާ އަސްކަރީ މަރުކަޒަށް ހަމަލާދިނުމަށް އެ ޖަމާއަތުން ބޭނުން ކޮށްފައިވާނީ ގައިޑެޑް ޓެކްނޮލޮޖީ ހިމެނޭ ރޮކެޓްސް ކަމަށެވެ.

މި ހަމަލާ އަކީ ޔަހޫދީންގެ އަސްކަރިއްޔާ އިން އިއްޔެ ދެކުނު ލުބުނާންގައިވާ ހިޒްބުﷲ ޖަމާއަތުގެ އަމާޒުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ ބަދަލުގައި ހިޒްބުﷲ ޖަމާއަތުން ދިން ރައްދު ހަމަލާއެކެވެ.

ޔަހޫދީން އިއްޔެ ދިން ހަމަލާތަކުގައި ލުބުނާންގެ ޓައިރް ހައިފާ އަވަށުގެ މޯބައިލް ފޯނުގެ ސިގްނަލް ޓުރާސްމިޝަން ސައިޓް އަކަށް ދިން ހަމަލާގައި އާންމުންގެ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އެގޮތުން ލުބުނާންގެ ޕެރަ މެޑިކް އަކާއި މެއިންޓެއިނެސް ވޯކަރެއް ވަނީ މި ހަމަލާތަކުގައި ޝަހީދުވެފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން އަދި މި ހަމަލާއާއި ގުޅިގެން ވަކި އެއްޗެއް ބުނެފައިނުވެއެވެ.