އިންޑިއާގެ ޕަންޖާބު ހިމެނޭހެން ބޮޑު ސަރަހައްދެއްގައި ޚާލިސްތާނުގެ ނަމުގައި ވަކި ދައުލަތެއް އުފައްދަން މަސައްކަތް ކުރާ ކުށްވެރިންނަށް ކެނެޑާއިން ވިސާ ދެމުންދާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރުގެ ފޮތް "ވައި ބާރަތް މެޓާސް" އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދިއްލީއިން އަންގާފައި ވަނިކޮށް ކެނެޑާއިން ޚާލިސްތާނު އުފައްދަން އުޅޭ ކުށްވެރިންނަށް ވިސާ ދޭ މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ. އަދި ކެނެޑާއިން އެމީހުންނަށް ހިމާޔަތްދިނުމުން އެކަމާ ކަންބޮޑުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޖޫން 2023 ގައި ކެނެޑާގައި ޚާލިސްތާން މޫވްމަންޓުގެ ލީޑަރެއް މަރާލުމުގައި އިންޑިއާގެ އެޖޭންޓުން ބައިވެރިވެފައިވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޭ ވަނީ ވިދާޅުވެފައެވެ. މި މަރާއި ގުޅިގެން 3 މީހަކު ކެނެޑާއިން ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީވެސް އިންޑިއާ މީހުންނެވެ. އެކަމާ ގުޅިގެން އިންޑިއާއާއި ކެނެޑާއާ ދެމެދު ޑިޕްލޮމެޓިކް ނުތަނަސްކަމެއް ވެސް އުފެދުނެވެ.

ހަރްދީޕް ސިންގް ނިއްޖާރު ކިޔާ ޚާލިސްތާން މޫވްމަންޓުގެ ލީޑަރު މަރާލީ އެ ދަރިކޮޅުގެ ގިނަ ބަޔަކު ދިރިއުޅޭ ކެނެޑާގެ ވެންކޫވާގައި ހުންނަ ފައްޅިއެއްގެ ކައިރީގައި އޭނާ ހުއްޓާ ބަޑިޖަހައެވެ. ކެނެޑާއިން ބުނާ ގޮތުން ހަރްދީޕް މަރާލީ އެ ގައުމަށް ދަތުރުކުރި އިންޑިއާ ސަރުކާރުގެ އޭޖެންޓުންތަކެކެވެ. އަދި އިންޑިއާ ކިތަންމެ ވަރަކަށް ދެކޮޅު ހެދި ނަމަވެސް، އެކަން ސާބިތުކުރެވޭ ވަރަށް ހެކި ހުރި ކަމަށްވެސް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.

ކެނެޑާގެ މި ތުހުމަތާ ގުޅިގެން ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހަރާބުވެފައެވެ. ދެ ގައުމު ދެ ގައުމަށް ސަފީރުން ބޭރުކޮށް ވިސާ ދަތިކުރުމާ ހަމައަށް މަސްރަހު އޮތީ ގޯސްވެފައެވެ. މި މައްސަލާގައި ކެނެޑާގެ ކަންބޮޑުވުން އޮތީ އިންޑިއާ ދަރިކޮޅުގެ މީހެއް ނަމަވެސް، ކެނެޑާގައި ނިއްޖާރު މަރާލުމުންނެވެ. އަދި އެއީ ކެނެޑާގެ ރައްޔިތުކަން އޮތް އެ ގައުމަށް ނިސްބަތްވާ މީހަަކަށް ވުމެވެ.

މި މައްސަލައާއި ގުޅިގެން ކެނެޑާއިން އިންޑިއާ ރައްޔިތުންނަށް ވިސާ ދިނުން ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހުއްޓާލާފައެވެ. ނަމަވެސް ޚާލިސްތާނުގެ ރައްޔިތުންނަށް ކެނެޑާއިން ވިސާ ދޭ ކަމަށް ޖައިޝަންކަރުވަނީ ވިދާޅުވެފައެވެ. އަދި ހަރުކަށި ފިކުރު ގެންގުޅޭ އެފަދަ ޖަމާއަތްތަކަށް ހިމާޔަތްދީގެން ކެނެޑާގައި ބޭތިއްބުން އޭނާ ވަނީ ކުށްވެރިކޮށްފައެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން މަޝްވަރާއެއް ނުވަތަ ހިޔާލެއް ދިން ނަމަވެސް ކެނެޑާއިން އެކަން ގަބޫލުނުކުރާ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. އެއީ ޑިމޮކްރެޓިކް އުސޫލުތައް ގެންގުޅޭ ގައުމަކަށް ވެފައި އެހެން ގައުމުތަކުގެ ނުފޫޒު ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަތަކާއި ގުޅޭގޮތުން ކެނެޑާގެ ފޮރިން މިނިސްޓަރާވެސް މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާ ފުލުހުން އެކި މައްސަލަތަކުގައި ހޯދަމުންދާ މީހުން ކެނެޑާގެ ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައިވާއިރުވެސް އެފަދަ ކުށްވެރިންނަށް ބޯހިޔާވަހިކަން ކެނެޑާއިން ދެމުންދާ ކަމަށް ވިދާޅުވެ އެކަމާ ޖައިޝަންކަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ވަކިވެގަތުމަށް މަސައްކަތް ކުރާ ޚާލިސްތާނަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ސީކް ދީނުގެ މީހުން އުފައްދަން އުޅޭ ދައުލަތެކެވެ. އެމީހުން އިންޑިއާ ސަރުކާރާ ވަކިވެ ޕާކިސްތާން ގޮތަށް ކާލިސްތާން ހެދުމުގެ ނިޔަތުގައި ވަކި ހަރަކާތެއް ފެށީ 1970 ގައެވެ. އެ މޫވްމަންޓަށް ތާއީދު ކުރާ ގިނަ ބަޔަކު ފަހުން ވަނީ ދިރިއުޅުން ކެނެޑާއަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު