ރޭ ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކުން ޝަހީދުކޮށްލި 20 މީހެއްގެގެ އަލްއަގްސާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރެއިޖް ރެފިއުޖީ ކޭމްޕާއި އެކު އަޒް ޒުވައިދާ އާއި އަލް މުޣުރާކާގެ މެދު ސަރަހައްދަށް ރޭ ހަމަލާތަކުގައި ފަލަސްތީނުގެ 20 މީހުން ވަނީ ޝަހީދުވެފައެވެ.

މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ހަށިގަނޑުތައް އަގްސާ ހޮސްޕިޓަލަށް ގެނެސްފައިވާއިރު، އެމީހުންގެ ހަށިތައް ބިންމަތީގައި ވަނީ ބަހައްޓާފައެވެ.

ޝަހީދުވި މީހުންގެ ތެރޭގައި އަށް ކުޑަކުދިންނާއި އަށް އަންހެނުން ހިމެނެއެވެ.

ޣައްޒާގެ މެދު ތެރޭގެ ހާލަތު އޮތީ މުޅިން ނާޒުކުކޮށް އޮތް ކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ ރަފަހްގައި ތިބި ފަލަސްތީނު މީހުންނަށް ހިމާޔަތް ހޯދަން އަންގާފައިވާ ތަނެކެވެ.

އިސްރާއީލުން ޣައްޒާއަށް އަރައިގަތް ފަހުން ޣައްޒާގައި ޝަހީދުވި 34،904 މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.