ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ހީކުރި ވަރަށް ވުރެ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ހަމަލާތައް މާ ފުރިހަމަވެފައި ވަރުގަދަ ކަމަށް ހަނގުރާމަ ދިރާސާ ކުރާ އެމެރިކާގެ ޖަމިއްޔާ އަކުން ބުނެފިއެވެ.

އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ޓޭންކަރުތަކާއި އެހެނިހެން ބަރު ހަތިޔާރާއި އެކީ ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އަރާފައިވާ އިރު ހަމާސް ޖަމާއަތުގެ ފުރިހަމަ އަށް ކޯޑިނޭޓް ކުރެވިގެން ޔަހޫދީންނަށް އަމާޒު ކޮށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ހަނގުރާމައިގެ ކަންކަން ދިރާސާ ކުރާ އެމެރިކާގެ ދެ ޖަމިއްޔާ އެއް ކަމަށްވާ ދަ އިންސިޓިއުޓް ފޯ ސުޓަޑީ އޮފް ވާ އަދި ކުރިޓިކަލް ތުރެޓްސް ޕުރޮޖެކްޓް އިން ބުނެފައިވަނީ ހަމާސް ޖަމާއަތުން ވަރަށް ކުރިއާލައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހަމަލާދޭނެ މަގުތަކާއި ގޯޅިތައް ދެނެގަނެފައިވާ ކަމަށާއި އެހެންކަމުން ހަމާސް އަށް ދުރާލައި ހަމަލާތައް ރޭވުމަށް ވަނީ ފުރުޞަތު ލިބިފައި ކަމަށެވެ.

" ހަމާސް ޖަމާއަތުން އިސްރާއީލް ފަދަ ޒަމާނީ އަދި ފުރިހަމަ އަށް ތަމްރީން ލިބިފައިވާ އަސްކަރިއްޔާ އަކާއި ދެކޮޅަށް ދެމުން އެގެންދާ ހަމަލާތަކުން ދޭހަވަނީ ހަމާސް ޖަމާއަތުގެ މުޖާހިދުން މި ހަނގުރާމަ އަށް ތައްޔާރުވެފައިވާ މިންވަރު. އިސްރާއީލްގެ އަސްކަރިއްޔާ އަތުގައި ޓެކްނޮލޮޖިކަލީ ވަރަށް އެޑްވާންސް ރާޑަރ ތަކާއި ހަމަލާތައް ކުރިއާލާ ދެނެގެންނާނެ ސިސްޓަމް ތައް ހުންނާނެ. ނަމަވެސް ހަމާސް ޖަމާއަތުގެ ހަމަލާތައް ކާމިޔާބު ކަމާއި އެކީ އިސްރާއީލްގެ އަމާޒުތަކަށް އެ އަރަނީ ހަމާސް އިން ހަމަލާތައް ދިނުމުގައި ބޭނުންކުރާ ފުރިހަމަ ކޯޓިނޭޓެޑް އުކުޅުތަކުގެ ސަބަބުން." އެމެރިކާގެ ހަނގުރާމައިގެ ކަންކަން ދިރާސާ ކުރާ އެޖެންސީ އިން ނެރުނު ބަޔާނުގައިވެއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ އިސްލާމިކް ޖިހާދާއި ހަމާސް ޖަމާއަތުގެ ހިތްވަރުގަދަ މުޖާހިދުން ވަނީ އިއްޔެ ހުޅަނގު ރަފަހް ގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ފައުޖުތަކަށް އަމާޒުކޮށް 18 ހަމަލާ ފޮނުވާލާފައެވެ. އަދި މި 18 ހަމަލާވެސް އޭގެ އަމާޒަށް ވާޞިލްވެފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ހަމާސް ޖަމާއަތުގެ ހިތްވަރު ގަދަ މުޖާހިދުން ވަނީ ރަފަހް އަކީ އިސްރާއީލްގެ އަސްކަރިއްޔާ އަށް ފަސޭހަ ބިމަކަށް ނުވާނެކަމުގެ ހަރުކަށި އިންޒާރު ވެސް ކުރިން ދީފައެވެ.