ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ އަނިޔާވެރިކަމުގައި ހައްދު ފަހަނަ އަޅާފައިވާ ލީޑަރެއް ކަމަށް ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ.

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވީ ދުނިޔޭގެ ތާރީހް ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފަ ކުރާނީ ވަރުގަދަ އަނިޔާވެރި އެއްގެ ގޮތުގައި އާއި މުޅި ދުނިޔެއަށް ގޮން ޖެހުމަށްފަހު ބޮޑު ޤަތުލު އާންމެއް ހިންގި މީހެއްގެ ގޮތުގައި ކަމަށެވެ.

ކޮލަމްބިއާގެ ރައީސް މަޝްހޫރު މީސް މީޑިއާގެ ޕުލެޓްފޯމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުށެއް ނެތް އެތައް ހާސް މައުސޫމް ކުޑަކުދިންނާއި ދުވަސްވީ މީހުން ދިރިއުޅޭ ތަންތަނަށް ބޮން އެޅުމަކީ މާ މޮޅު ކަމެއް ނޫން ކަމަށާއި އެއީ ފިނޑި އަމަލެއް ކަމަށެވެ. އަދި މި ފަދަ އަމަލުތަކުން ނަތަންޔާހޫ އަކީ ބަތަލެއްގެ ގޮތުގައި އެއްވެސް މީހަކު މުސްތަޤްބަލުގައި ބަލާނެ ކަމަށް ނަތަންޔާހޫ އަށް ހީވާ ނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ޕެޓްރޯ ވިދާޅުވިއެވެ.

ރައީސް ޕެޓްރޯ ވަނީ ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫގެ އަނިޔާވެރި އަމަލުތައް ދެވަނަ ބޮޑު ހަނގުރާމައިގައި ޔަހޫދީންގެ ނަސްލު ނައްތާލަން ޔޫރަޕުގެ ގައުމުތަކުގައި ދިރިއުޅުން އެތައް މިލިއަން ޔަހޫދީން މެރި ޖަރުމަނުވިލާތުގެ ނާޒީންގެ ވެރިޔާ އެޑޯލްފް ހިޓްލަރުގެ އަމަލުތަކާއި އެއްގޮތް ކޮށްފައެވެ. އަދި ޤަތުލް އާންމަކީ ވަކި ދީނެއް ނަސްލެއް ދަންނަ ކަމެއް ނޫން ކަމަށާއި، ކޮންމެ ބަޔަކާއި ދެކޮޅަށް އަނިޔާވެރި ޤަތުލް އާންމެއް ހިންގިއަސް އެކަން ކުށްވެރި ކުރަން ޖެހޭނެ ކަމަށްވެސް ޕެޓްރޯ ވިދާޅުވިއެވެ.

ކޮލަމްބިއާގެ ރައީސް ވަނީ ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކުރާތީ ނަތަންޔާހޫ ހައްޔަރު ކުރަންވެސް ގޮވާލާފައެވެ. އޭގެ ރައްދުގައި އަނިޔާވެރި ނަތަންޔާހޫ ބުނެފައިވަނީ ރައީސް ޕެޓްރޯ އަކީ ޔަހޫދީންގެ ދެކެ ރުޅި އަންނަ ހަމާސް އަށް ވަރަށް ބޮޑަށް ތާއީދުކުރާ ލީޑަރެއް ކަމަށެވެ.