ހަރްދީޕް ސިންގް ނިއްޖާރު ކިޔާ ޚާލިސްތާން މޫވްމަންޓުގެ ލީޑަރެއް ކަމަށްވާ މަރާލި މައްސަލައިގައި އިންޑިއާއަށް ނިސްބަތްވާ އިތުރު މީހަކު ކެނެޑާއިން ހައްޔަރުކޮށްފިއެވެ.

ޖޫން 2023 ގައި ކެނެޑާގައި ޚާލިސްތާން މޫވްމަންޓުގެ ލީޑަރެއް ކަމަށްވާ ހަރްދީޕް ސިންގް ނިއްޖާރު މަރާލި މައްސަލައާ ގުޅިގެން 3 މީހަކު ކެނެޑާއިން ކުރިން ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީވެސް އިންޑިއާ މީހުންނެވެ. މި މައްސަލައިގައި އަނެއްކާވެސް މިވަނީ އިންޑިއާ މީހަކު ހައްޔަރުކޮށްފައެވެ.

ކެނެޑާއިން އިއްޔެ ހައްޔަރުކުރީ ކެނެޑާގެ ބްރެމްޕްޓަން، ސަރީ އަދި އެބޮޓްސްޕޯޑު ސަރަހައްދުގައި ދިރިއުޅޭ އުމުރުން 22 އަހަރުގެ އަމަރުދީޕް ސިންގުއެވެ. މީގެކުރިން ހައްޔަރުކުރި 3 މީހުންނަކީ ކަރަން ބްރާރު (22އ.)، ކަމަލްޕްރީތު ސިންގު (22އ.) އަދި ކަރަންޕްރީތު ސިންގު (28އ.) އެވެ. މި ހަތަރު މީހުންގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ.

އިންޑިއާއިން ޓެރަރިސްޓެއްގެ ގޮތުގައި ދެކޭ ހަރްދީޕް ސިންގް ނިއްޖާރު މަރާލީ ސީކް ދީނުގެ ގިނަ ބަޔަކު ދިރިއުޅޭ ކެނެޑާގެ ވެންކޫވާގައި ހުންނަ ފައްޅިއެއްގެ ކައިރީގައި އޭނާ ހުއްޓާ ބަޑިޖަހައެވެ.

ކެނެޑާގެ ރައްޔިތެއް ކަމަށްވާ ނިއްޖާރު މަރާލުމުގައި އިންޑިއާގެ އެޖޭންޓުން ބައިވެރިވެފައިވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޯ ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާ ކިތަންމެ ވަރަކަށް ދެކޮޅު ހެދި ނަމަވެސް، އެކަން ސާބިތުކުރެވޭ ވަރަށް ހެކި ހުރި ކަމަށްވެސް ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އިންޑިއާއާއި ކެނެޑާއާ ދެމެދު ޑިޕްލޮމެޓިކް ނުތަނަސްކަމެއް ވަނީ އުފެދިފައެވެ. އެގޮތުން އިންޑިއާގެ ރައްޔިތުންނަށް ކެނެޑާއިން ވިސާ ދިނުންވެސް ހުއްޓާލިއެވެ.

ނަމަވެސް އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި އިންޑިއާގެ ޕަންޖާބު ހިމެނޭހެން ބޮޑު ސަރަހައްދެއްގައި ޚާލިސްތާނުގެ ނަމުގައި ވަކި ދައުލަތެއް އުފައްދަން މަސައްކަތް ކުރާ ކުށްވެރިންނަށް ކެނެޑާއިން ދަނީ ހިމާޔަތްދީ ވިސާ ދެމުންނެވެ. އެ މައްސަލައިގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޚާލިސްތާނަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ސީކް ދީނުގެ މީހުން އުފައްދަން އުޅޭ ދައުލަތެކެވެ. އެމީހުން އިންޑިއާ ސަރުކާރާ ވަކިވެ ދައުލަތެއް ހެދުމުގެ ނިޔަތުގައި ވަކި ހަރަކާތެއް ފެށީ 1970 ގައެވެ. އެ މޫވްމަންޓަށް ތާއީދު ކުރާ ގިނަ ބަޔަކު ފަހުން ވަނީ ދިރިއުޅުން ކެނެޑާއަށް ބަދަލުކޮށްފައެވެ.