މޫސުން ވަރަށް ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މިރޭ 12:00 އާ ހަމައަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވައިޖެހި، ގަޑިއަކު 25 މާލާއި 30 މޭލާ ދެމެދުގެ ބާރިމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އިން މީގެ ކުރިން ވަނީ މިރޭ 12:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.

އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލައަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ ސަމާލުގައި ވަނީ ބުނެފައެވެ.

މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މެޓް އޮފީހުން ވިދާޅުވިގޮތުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40-45 މޭލަށް ވައިގަދަވުން އެކަށިގެންވާ ކަމަށް ވިދާޅުވެފައި ވެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އެންމެންވެސް މޫސުމަށް ސަމާލުވުމަށް އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު