އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޖައްބާރު ސިފައިންނާ ދެކޮޅަށް ކިތަންމެ ދުވަހެއް ވަންދެން ހަނގުރާމަ ކުރަން ޖެހުނަސް، އެކަން ކުރުމުގައި ދެމިތިބޭނެ ކަމަށް ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމުގެ ދިފާއުގައި ޖިހާދު ކުރަމުން އަންނަ ހަމާސް އިން ބުނެފިއެވެ.

ހަމާސްގެ އަސްކަރީ ގޮފި، އަލް-ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދީ ގަތުލުއާންމުތައް ހިންގާހާ ހިނދަކު، އިސްރާއީލްއާ ކުރިމަތިލުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ރަފަހާއި އެހެނިހެން ސަރަހައްދުގައި ވެސް ހަމާސްގެ މުޖާހިދުން ހަރަކާތްތެރިވަމުން ދާނެ ކަމުގައި ވެސް އަބޫ އުބައިދާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދެމުން އަންނަތާ 223 ދުވަސްވެފައިވާ އިރު، ހަމާސްގެ މުޖާހިދުން ދަނީ ވަރުބަލިކަމެއް ނެތި އިސްރާއީލްގެ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތައް އެންމެ ބޮޑަށް މިހާރު ދެމުން އަންނަ ދެ ސަރަހައްދަކީ ފަލަސްތީނުގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދާއި ފަލަސްތީނުގެ ދެކުނުގައި އޮންނަ ރަފަހް ސަރަހައްދެވެ.

"ކިތަންމެ ދުވަހެއް ވިޔަސް، ވަރިހަމަ. އަހަރުމެންގެ ރައްޔިތުންނާ ދެކޮޅަށް ދެމުން އަންނަ އުދުވާނީ ހަމަލާތައް ހުއްޓެން ދެން ހަނގުރާމަ ކުރުމުގައި ދެމިތިބޭނަން. އެމީހުންގެ ސިފައިން މަރުވުން ފިޔަވައި އެމީހުންނަށް ލިބޭނެ އެއްޗެއް ނެތް." އަބޫ އުބައިދާ ވިދާޅުވިއެވެ.

އިސްރާއީލް އާ ދެކޮޅަށް ދިގު މުއްދަތެއް ވަންދެން ހަނގުރާމަ ކުރުމުގައި ތައްޔާރަށް ތިބީ ކޮންމެހެން ހަމާސް މާ ވަރުގަދަ ވެގެން ނޫން ކަމަށާއި އެކަން ކުރަނީ ފަލަސްތީނުގެ ބިމަކީ ފަލަސްތީނުގެ ހައްގަކަށް ވާތީ ކަމަށްވެސް އަބޫ އުބައިދާ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލް އާއި ހަމާސް އާ ދެމެދު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އައިއިއިރު އިސްރާއީލްގެ އަސްކަރިއްޔާގެ 100 އަށް ވުރެ ގިނަ ވެހިކަލަށް ހަމަލާ ދީފައިވާނެ ކަމަށް އަބޫ އުބައިދާ ވިދާޅުވިއެވެ. އޭގެތެރޭގައި ޓޭންކާއި ސިފައިން އުފުލާ ވެހިކަލްތަކާއި ބުލްޑޯޒަރުތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި ބިންގަރާސްތައް ގޮއްވާލުމާއި ރޮކެޓާއި މޯޓަރު ބަޑީގެ ހަމަލާތައް ދީފައިވާނެ ކަމަށް ބުނެފައިވެއެވެ.

ހަނގުރާމައިގައި އިސްރާއީލުން މިހާތަނަށް އައިއިރު ވަނީ ފަލަސްތީނުގެ 35،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އަދި 80،000 އާ ގާތް ކުރާ އަދަދެއްގެ މީހުން ޒަހަމްކޮށްލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާނިވާއިން

    ސާބަހޭ ހަމާސް. ކޮބައިތަ އައިއެސް؟

    22
    • އިބްރާހިމް

      އެއްވެސް ޒުވާނަކު ދީންވެރިވާބޮޑީގައި ކަނޑި އުރައިން ދަމައިގެންފައި ދެންކުއްލިއަކަށް ތުބުޅިވެސް ގެއްލުވާލަން ނުވާނެ! މަހީކުރީ އައިއެސް އެގޮތައްކަމަށްވީ، ޙަމާސް ވަރަށް ދުވަސްވެއްޖެ ހިފަހައްޓައިލައިފި!

  2. ވިސް

    މާތް الله ފަލަސްތީނުގެ މުޖާހިދުންނަށް ގަދަފަދަކަމާއި ނަސްރާއި ކާމިޔާބު މިންވަރު ކުރައްވާށި އާންމީން،