ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓާލުމަށް ގޮވާލައި ސުޕޭންގައި ބޮޑު މުޒާހަރާއެއް ކޮށްފިއެވެ.

ސުޕެއިންގެ އެންމެ ބޮޑު އެއް ސަހަރު ކަމަށްވާ ވެލެންސިއާގައި ކުރިއަށް ދިޔަ މުޒާހަރާގައި ސުޕޭންގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން މި މުޒާހަރާގައި ބައިވެރިވި ސުޕެއިންގެ ރައްޔިތުން ގޮވަމުން ދިޔައީ ފަލަސްތީނާއި އެކީ ތިބި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާއި އެކީ ތިބި ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި ކަމާއި ދެކޮޅަށް ސުޕެއިންގެ ވެލެންސިއާގައި ކުރިއަށް ގެންދިޔަ މު މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނަށް ތާއީދުކޮށް ލިޔެފައިވާ ބެނާތަކާއި ފަލަސްތީނުގެ ދިދަ ބޭނުން ކޮށްފައެވެ.

ސުޕެއިންގެ ސަރުކާރުން ވެސް ވަނީ ޔަހޫދީން އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ހަމަލާތައް ހުއްޓާލުމާއި އެކު ދާއިމީ ސުލްހައެއް ޤާއިމު ކުރުމަށް ދެ ފަރާތުން ވެސް މަޝްވަރާގެ މޭޒު ހިޔާރު ކުރުމަށް ސުޕޭންގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.

ސުޕެއިންގެ ބޮޑުވަޒީރު ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ސުޕެއިން އިން ބަލައިގަންނާނެ ކަން ރަސްމީ ކޮށް އިއުލާން ކޮށްފައެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ އެހެން ގައުމުތައް ވެސް ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބާރު އަޅުންވާނެ ކަމަށް ވެސް ސުޕެއިންގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ސުޕެއިން އަދި ޔޫރަޕުގެ އެހެން ބައެއް ގައުމުތަކުން ފަލަސްތީނަށް ތާއީދު ކޮށް ފަލަސްތީނުގެ ވަކި ދައުލަތެއް ބަލައިގަންނަށް ނިންމާފައިވާތީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.