ނިރުބަވެރި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ޣައްޒާގެ ހޮސްޕިޓަލަކުން ބޯފެން ހުސްވެއްޖެއެވެ.

މީޑީއާ ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި ބޯފެން ހުސްވެފައިވަނީ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދާއި ކައިރީގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލުންނެވެ.

ޣައްޒާގެ ޑޮކްޓަރުން ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައި ނިރުބަވެރިން ދިން ހަމަލާގައި ޒަހަމްވެގެން 34 މީހަކު އެ ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުނު ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިންނަށް ބޯފެން ނުލިބި، ފެން ހުސްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުގައި ތިބި އަލްޖަޒީރާގެ ނޫސްވެރިން ބުނެފައިވަނީ ނިރުބަވެރި ތިބީ އަސްކަރީ ޓޭންކަރުތަކުން އެ ހޮސްޕިޓަލް ވަށާލާފައި ކަމަށެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި ގިނަ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އައުދާ ހޮސްޕިޓަލަކީ އެގޮތަށް ވެސް މަދު ހިދުމަތްތަކާއި އެކީ ރައްޔިތުންނަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލެއް ކަމަށްވާއިރު، ހޮސްޕިޓަލް ވަށާލައިގެން ނިރުބަވެރިން ތިބުމަކީ އެއީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ވެސް އެއްކޮށް ހުއްޓިގެން ގޮސްދާނެ ކަމެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 35،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 75،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.