ސްޕެއިނުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފައިވާކަން ސަރުކާރުން އިއުލާން ކޮށްފިއެެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މެއި 28 ވަނަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ވަނީ މިމަހުގެ 28 ވަނަ ދުވަހު ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަން އިއުލާަން ކުރައްވާފައެވެ.

"އަޅުގަނޑުމެން ފަލަސްތީނު ބަލައިގަންނަނީ ވަރަށް ގިނަ ސަބަބުތަކާ ހުރެ، އަޅުގަނޑުމެންނަށް އެކަން ތިން ބަހަކުން މާނަ ކުރެވިދާނެ- ސުލްހަ، އަދުލު އިންސާފު އަދި ހަމަޖެހުން،". އޭނާ އެއިރު ވިދާޅުވިއެވެ.

ސްޕެއިންގެ ސަރުކާރުގެ ތަރުޖަމާނު ޕިލާރު އަލެގްރިއާ ވިދާޅުވީ، ސްޕެއިންގެ ކެބިނެޓުން ފާސްކުރި ނިންމުމާއި އެއްގޮތަށް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމުގެ މުހިންމު ނިންމުމެއް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށާއި އޭގެ އެއް މަގުސަދަކީ އިސްރާއީލާއި ފަލަސްތީނަށް ސުލްހަ ގާއިމުކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.

ފަލަސްތީނުގެ ދައުލަތް 140 ގައުމަކުން ބަލައިގެންފައިވާ ކަމަށް ދާދި ފަހުން އދ އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި އދގެ 22 ގައުމު ހިމެނޭ އަރަބި ޖަމާއަތާއި 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެ އިތުރުން 120 މެމްބަރުން ހިމެނޭ ނޮން އެލައިންޑް މޫވްމަންޓްގެ މެމްބަރުން ހިމެނެއެވެ.

އިނގިރޭސިވިލާތާއި އެމެރިކާ އަކީ ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިނުގަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ.