ބަންގްލަދޭޝް އާއި އަވަށްޓެރި އިރުމަތީ އިންޑިއާއަށް މިދިޔަ އާދީއްތަ ދުވަހު އެރި ތޫފާން "ރެމާލް" ގެ ސަބަބުން 23 މީހުން މަރުވެ އެތައް މިލިއަން ބަޔަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް މި ސީޒަނުގެ ފުރަތަމަ ތޫފާން އައިސްފައި ވަނީ ހޫނު ގަދަ ދުވަސްތަކަކަށް ފަހުއެވެ.

ގަޑިއަކު 70 މޭލު ބާރުމިނުގައި ވައި ހުރި މި ތޫފާނުގެ ސަބަބުން ގެތަކަށް ބޮޑެތި ގެއްލުންތައް ލިބުނުއިރު، ގަސްތައްް މުލިން ލުހި ކަރަންޓް ކޭބަލްތަކަށްވެސް ގެއްލުންތައް ލިބިފައި ވެއެވެ.

ބަންގްލަދޭޝްގެ އޮފިޝަލުން ބުނާގޮތުގައި މި ތޫފާާނުގެ ސަބަބުން އެ ގައުމުގެ 13 މީހަކު މަރުވެ، އަައްސޭރިފަށު ސަރަހައްދުގައި މީހުން ދިރިއުޅެމުންދާ 35،000 އަަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. 170 މިލިއަން މީހުން ދިރިއުޅެމުންދާ އެ ގައުމަށް އެރި މި ތޫފާނުގެ އަސަރު އެ ގައުމުގެ 3.5 މިިލިއަން މީހުންނަށް ކުރިއިރު، ހޯމަ ދުވަހުގެ މެންދުރު ފަހު 13 މިލިއަނަށް ވުރެ ގިނަ ބަޔަކަށް ކަރަންޓްގެ ހިދުމަތްވެސް މެދުކެނޑުނެވެ.

މި ތޫނުގެ ސަބަބުން އިންޑިއާގެ ވެސްޓްބެންގަލްއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޮފިޝަލުން ބުނާގޮތުގައި މި ތޫފާނުގެ ސަބަބުން ކަރަންޓުގެ ހިދުމަތް ކެނޑިގެން ދިޔައިރު، އެތައް ގެތަކަށް ބޮޑެތި ގެއްލުންތަކެއްވެސް ލިބުނެވެ. މި ތޫފާނުގެ މިއަދާއި ހަމައަށް އެ ސްޓޭޓްއިން 10 މީހަކު މަރުވިއިރު، އެތައް ބަޔަކު ވަނީ ވީނުވީއެއއް ނޭނގި ގެއްލިފައެވެ.

ތޫފާން އައުމުގެ ކުރިން ބަންގްލަދޭޝްގެ އައްސޭރިފަށުގެ އަވަށްތަކުން ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ވަނީ ހުސްކޮށްފައެވެ. އޭގެ ތެރެއިން ގިނަ އަވަށްތަކުގައި ފެންބޮޑުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

އަންގާރަ ދުވަހާ ހަމައަށް ތޫފާންގެ އަސަރު މަޑުވި ނަމަވެސް ބަންގްލަދޭޝް އާއި އިންޑިއާގެ މޫސުމާ ބެހޭ މާހިރުން ވަނީ ބޯކޮށް ވާރޭވެހި ވައި ގަދަވުން ދުވަސްކޮޅަކަށް ދެމިއޮންނާނެ ކަމުގެ އިންޒާރު ދީފައެވެ.