ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ރަފަހްގެ ރެފިއުޖީން ދިރިއުޅޭ ތެލް އަލް ސުލްތާން ކޭމްޕަށް ދިން އަނިޔާވެރި ހަމަލާގައި ބޭނުން ކޮށްފައިވަނީ އެމެރިކާ އިން އިސްރާއީލަށް ފޯރުކޮށްދިން ހަތިޔާރު ކަން ހާމަވެއްޖެއެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ފަލަސްތީނުގެ ރައްޔިތުން ނިދާފައި ތިއްބާ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހްގެ ތެލް އަލް ސުލްތާން ރެފިއުޖީ ކޭމްޕަށް ވަނީ ވަރަށް ވަރުގަދަ އަށް ބޮން އަޅާފައެވެ. ޔަހޫދީންގެ މި އަނިޔާވެރި ހަމަލާގައި ރަފަހް އިން ކުށެއް ނެތް 45 އާންމު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާގައި ޝަހީދުވި ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައި ވަނީ ދިރިތިއްބާ އަލިފާނުން އަނދައިގެން ކަމަށް ވެސް ފަލަސްތީނުގެ ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ދިން ހަމަލާގައި އެމެރިކާގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަން ހާމަވަނީ ޔަހޫދީން އެ ހަމަލާދިން ސަރަހައްދުގައި ހަރަކާތްތެރިވި ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ އަލަމުއްދީން ޞާދިޤް ނަގާފައިވާ ވީޑިއޯ އަކުން ކަމަށް "ސީއެންއެން" ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޔަހޫދީ އަސްކަރިއްޔާ އިން ބޭނުން ކޮށްފައި ވަނީ 39-ޖީބީޔޫ މަރުކާގެ ބޮމެކެވެ. އެމެރިކާ އިން މި ބޮންތައް އިސްރާއީލަށް ފޯރުކޮށްދީފައި ވަނީ 2023 ވަނަ އަހަރުގައި ކަމަށް އިސްރާއީލްގެ މީޑިއާތަކުން އެ ގައުމުގެ ޑިފެންސް މިނިސްޓްރީ އާއި ހަވާލާދީ ވަނީ ބުނެފައެވެ.

39- ޖޭބީޔޫ މަރުކާގެ ބޮމަކީ 1000 ޕައުންޑްގެ ބޮޑު ބޮމެކެވެ. އަދި މި ފަދަ ބޮންތައް މީހުން ގިނައިން ދިރިއުޅޭ ބައިބޯ ސަރަހައްދުތަކުގައި ބޭނުން ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި އަސްކަރީ މާހިރުން ދެކެއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ މި ހަބަރު ދޮގުކޮށްފައެވެ. ޔަހޫދީންގެ އަސްކަރިއްޔާގެ އެޑްމިރަލް ޑެނިއެލް ހަގަރީ ބުނެފައިވަނީ މި ހަމަލާގައި އިސްރާއީލްގެ އަސްކަރިއްޔާ ބޭނުން ކޮށްފައިވާނީ 17 ކިލޯގެ ދެ ބޮން އެކަނި ކަމަށެވެ. ނަމަވެސް އަސްކަރީ ކަންކަން ދިރާސާކުރާ މީހުން ބުނެފައިވަނީ 17 ކިލޯގެ ދެ ބޮމުން އެވަރުގެ ސުންނާފަތި ކަމެއް ރަފަހްގެ ތެލް އަލް ސުލްތާން ރެފިއުޖީ ކޭމްޕަށް ނާންނާނެ ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފައިވަނީ ރަފަހްގެ އެ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަކީ ހަމާސް ޖަމާއަތުގެ އިސް ދެ މުޖާހިދުން ޝަހީދުކޮށްލަން ދިން ހަމަލާއެއް ކަމަށާއި ނަމަވެސް އާންމު ރައްޔިތުންނަށް ހަމަލާ އަމާޒުވީ އަސްކަރިއްޔާ އަށް އެރި ކުޑަ އޮޅުމަކުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    މަށަށްދެވޭނެނަމަ ތިޔަ އެމެރިކާއަށްގޮސް ........

    8
    1
    • މައިކަލް

      އޭއާދަނާ ހައްދުފަހަނައިނުގޮސް މަޑުންހުރޭ! މުސްލިމުން ހައްޤުތައްހޯދަންއުޅޭނަމަ ހައްދުފަހަނައަޅާނެ! މުސްލިމުންއުޅެންޖެހޭ ހައްދުތައްކަނޑައަޅަނީ އެމެރިކާ!