ވިލާތުގެ ގައުމެއް ކަމަށްވާ ސްލޮވޭނިއާ ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަންފިއެވެ.

ސޮލެވޭނިއާގެ ބޮޑުވަޒީރު ރޮބާޓް ގުލެބް އާއި އެމަނިކުފާނުގެ ސަރުކާރުން ވަނީ ފަލަސްތީނުގެ ވަކި މިނިވަން ދައުލަތެއް ބަލައިގަތުމަށް ނިންމާ އެކަން މިއަދު ރަސްމީކޮށް އިއުލާން ކޮށްފައެވެ. މިހާރު މި ނިންމުން ޤާނޫނީ ނިންމުމަކަށް ހެދުމުގެ އިހްތިޔާރު އޮތީ ސޮލެވޭނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އަތުގައެވެ. އެއީ ސޮލެވޭނިއާގެ ޤާނޫނުތައް ބުނާ ގޮތުން އެހެން ދައުލަތެއް ބަލައިގަތުމާއި ބަލައިނުގަތުމުގައި ފަހު ބަސް ބުނާނީ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުންނެވެ. ކުރިއަށް އޮތް މަދު ދުވަސްތަކެއް ތެރޭގައި މި ކަމާއި ބެހޭގޮތުން އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވޯޓަށް އަހާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިސްރާއީލްގެ އަނިޔާވެރި ހާރިޖީ ވަޒީރު އެސްރައިލް ކެޓްޒް މިކަމާއި ގުޅިގެން ބުނެފައިވަނީ ސޮލެވޭނިއާގެ ސަރުކާރުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަކީ އެ ގައުމުގެ ސަރުކާރަށް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި މި ކަމުގެ ސަބަބުން ހުރިހާ ފައިދާ އެއް ކުރާނީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތަށް ކަމަށެވެ.

އިސްރާއީލް ކެޓްޒް ބުނެފައިވަނީ ސޮލެވޭނިއާގެ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން އިރާނާއި އިރާނުން އެހީތެރިވާ ހަނގުރާމަ މަތީ ޖަމާއަތްތަކަށް ވަރަށް ފައިދާ ވާނެ ކަމަށާއި ނަމަވެސް ޒަމާނުންސުރެ، އިސްރާއީލުގެ ރައްޔިތުންނާއި ސޮލެވޭނިއާގެ ރައްޔިތުން ހިއްސާ ކުރަމުންދާ ގާތް ގުޅުމަށް ވަރަށް ބޮޑު ހީނަރު ކަމެއް އަންނާނެ ކަމަށެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކުން މިހާރު ދަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ނިންމައި އެކަން އިއުލާން ކުރަމުންނެވެ. މި ކަމުގެ ސަބަބުން އިސްރާއީލުން ވަނީ ފަލަސްތީނާއި ދެކޮޅަށް ހާރިޖީ ހަނގުރާމައެއް ވެސް ފަށާފައެވެ. ނަމަވެސް މިހާރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ އަނިޔާވެރިކަން ވަނީ ފެނިފައެވެ.