އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ދިން ހަމަލާއެއްގައި 14 މީހަކު މަރުވެފައިވާ ކަމަށް ޔަމަނުގެ ހަތިޔާރު އެޅި ޖަމާއަތް، ހޫތީން ބުނެފިއެވެ.

ހޫތީންނާއި ހަވާލާދީ، އެގައުމުގެ އަލް-މަސިރާ ޓީވީން ބުނީ، އެ ހަމަލާދީފައިވަނީ ޔަމަނުގެ ހޮޑެއިޑާ ސަރަހައްދަށް ކަމަށާއި މި ހަމަލާގައި 14 މީހަކު މަރުވެ، 30 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

އެ ޓީވީން ބުނި ގޮތުގައި މި ހަމަލާދީފައިވަނީ އެސަރަހައްދުގައި ހުރި އިމާރާތެއްގެ އިތުރުން ސާލިފްގެ އައްސޭރިފަށަށެވެ.

މި ހަމަލާއާއި ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، ޔަމަނުގައި ހަރަކާތްތެރިވަމުން އަންނަ ހޫތީންނަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހަމަލާދީފައިވާނެ ކަމަށެވެ. މި ހަމަލާދީފައިވަނީ ރަތްކަނޑުން ދަތުރު ކުރާ އުޅަނދުތަކަށް ހޫތީން ހުއްޓުމެއް ނެތި ހަމަލާ ދެމުން އަންނާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

އެމެރިކާއިން ބުނި ގޮތުގައި އެގައުމުން ވަނީ ޔަމަނުގައި ހޫތީން ކޮންޓްރޯލް ކުރަމުން އަންނަ 13 ތަނަކަށް ހަމަލާދީފައެވެ. އިނގިރޭސިވިލާތުން ބުނީ އެމެރިކާއާއި އެކީ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހޮޑެއިޑާ ސަރަހައްދުގެ ޕޯޓް ސިޓީގެ ތިން ސަރަހައްދަކަށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތައް ދީފައިވަނީ ޑްރޯންއާއި އެނިހެން ހަތިޔާރު ބޭނުން ކޮށްގެން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން ހޫތީންނަށް ދިން މި ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ހަމަލާއެއް ދޭނެ ކަމެއް އަދި ހޫތީން ބުނެފައެއް ނުވެއެވެ.