ނިރުބަވެރި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ޣައްޒާގައި އެކި ކަހަލަ ބަލިތައް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ފަރުވާ ކުރުމަށް ބޭނުންވާ ބޭސް ނެތް ކަމަށް އދ. އިން ބުނެފިއެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނެފައިވަނީ މި ހަނގުރާމައިގެ ސަބަބުން ގިނަ ބައެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށެވެ. ގެދޮރު ގެއްލިފައިވާ މީހުން އެކި ފަހަރުމަތިން އެކި ސަރަހައްދުތަކަށް ބަދަލުވެ، ސާފުތާހިރުކަން ކުޑަކޮށް ނަމަވެސް ރަނގަޅު ތަކެތި ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫއެންއާރްޑަބްލިއުއޭއިން ވަނީ ބުނެފައެވެ.

އެފަރާތުން ބުނީ، ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުން އަންނަ ސަރަހައްދުތައް ތޮއްޖެހިފައި އޮތުމުން، ގައިންގަޔަށް އަރާ ބަލިތައް ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކަމަށާއި އެކަމުގެ އިންޒާރު ދީފައިވަނިކޮށް، ރައްޔިތުންނަށް ބޭނުންވާ ވެކްސިން ވެސް އެކަށީގެންވާ ވަރަށް ނެތް ކަމަށެވެ.

"ރައްކާތެރި އަދި ހިފެހެއްޓުމެއް ނެތް ވަސީލަތްތައް ބޭނުން" ރަފަހްގައި ހުންން އެމީހުންގެ ސެންޓަރަކަށް ނުވަދެވޭކަން ފާހަގަކޮށް ޔޫއެންއާރްޑަބްލިއުއޭއިން ބުންޏެވެ.

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން ބޯހިޔާވަހިކަން ހޯދުމަށް އެމީހުން ދިރިއުޅެމުން އަންނަ ތަންތަން ބަދަލު ކުރަމުން އަންނައިރު، ގިނަ ފަހަރަށް އެފަރާތްތަކަށް ސާފު ބޯފެނާއި ކާބޯތަކެތި ވެސް ނުލިބެއެވެ. މިކަމުގެ ސަބަބުން އެކި ކަހަލަ ބަލިތައް ފެތުރެމުން އަންނަ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް މީގެ ކުރިން ވަނީ ދީފައެވެ.