ހީޓްސްޓްރޯކް ޖެހިގެން އިންޑިއާގައި އެއް ދުވަސް ތެރޭ 24 މީހަކު މަރުވެފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ އިރުމަތީގެ ސްޓޭޓްތައް ކަމަށްވާ ބިހާރާއި އޮޑިޝާގައި އިއްޔެ ހީޓްސްޓްރޯކް ޖެހިގެން މަރުވި ކަމަށް ޝައްކު ކުރެވޭ 24 ކޭސްއެއް ފެންމަތިވެފައި ވެއެއެވެ.

އެ ސަރަހައްދުގައި ހޫނު ގަދަވުން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ދެމިއޮންނާނެ ކަމަށް އޮފިޝަލުން ބުނެެއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ބައެއް ސަރަހައްދުތަކުގައި މި ހަފުތާގައި އެންމެ ހޫނުމިން ހުރީ 52.9 ޑިގްރީ ސެލްސިއަސް ގައެވެ.

އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ބުނާގޮތުން އިރުމަތީ އިންޑިއާގައި މިހާރު ކުރިމަތިވެފައިވާ ހޫނު ގަދަވުން ދެ ދުވަހަށް ދެމިއޮންނާނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ހުޅަނގު އުތުރު އަދި މެދުތެރޭގެ ފިނިހޫނުމިން ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިއްޔެ ބިހާރުގައި ޖުމްލަ 14 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި މިހާރު ކުރިއަށްދާ ހަތް ވަނަ ބުރުގެ ގައުމީ އިންތިހާބު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި 10 މީހުން ވެސް ހިމެނެއެވެ.

މި އިންތިހާބުގެ އެންމެ ފަހު ބުރުގެ ވޯޓުލުން ބިހާރުގެ ބައެއް ސަރަހައްދުތަކުގައި މާދަމާ ކުރިއަށް ދާނެއެވެ.

މީގެ އިތުރުން އޮޑިޝާގެ ރައުރްކެލާ ސަރަހައްދުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލުން ވެސް އެ ދުވަހު 10 މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ރޮއިޓާސްއަށް މައުލޫމާތު ދީދައި ވެއެވެ.

މި މީހުންނަކީ ހީޓްސްޓްރޯކް ޖެހިގެން މަރުވި މީހުން ކަމަށް ބެލެވޭ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އޭޝިއާގެ އެކި ކަންކޮޅުތަކުގައި އެތައް ބިލިއަން ބަޔަކަށް ހޫނުމިން މައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވެފައިވާ އިރު، މިއީ އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެފައިވާ ޓްރެންޑެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު