އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕް ސުންނާފަތިކޮށް ދޫކޮށް ދިޔައިރު، މިހާތަނަށް ޝަހީދުވެފައިވާ 70 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ގުދުސް ނެޓްވޯކްއިން ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ މަގުން ހަމަލާތައް ދެމުން އަންނައިރު، އިސްރާއީލްގެ ހަމަލާތައް އެންމެ ގިނަ އިން ފޯރާ އެއް ހިސާބަކީ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕެވެ. މި ރެފިއުޖީ ކޭމްޕަކީ ފަލަސްތީނުގެ ޣައްޒާގައި ހުރި ރެފިއުޖީ ކޭމްޕްތަކުގެ ތެރެއިން އެންމެ މީހުން ގިނަ، ތޮއްޖެހިފައި އޮންނަ ރެފިއުޖީ ކޭމްޕެކެވެ. އެކަމަކު، އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން ގިނަ ބަޔަކު އެ ސަރަހައްދު ދޫކޮށް ވަނީ ގޮސްފައެވެ.

ޖަބާލިއާގައި އިސްރާއީލުން ހިންގި 20 ދުވަހުގެ އޮޕަރޭޝަންގައި އެ ސިޓީގެ ބޮޑު ބައެއް ހަލާކުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 1،000 އަށް ވުރެ ގިނަ ގެ ހިމެނޭ ކަމަށް ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބާސަލް އަލްޖަޒީރާއަށް ވިދާޅުވެފައި ވެެެއެވެ.

ގުދުސް ނެޓްވޯކް އިން ބުނެފައިވާގޮތުގައި ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ކޭމްޕާއި ބެއިޓް ލަހިޔާ ޕްރޮޖެކްޓުން 70 މީހެއްގެ ހަށިގަނޑު ފެނިފައި ވަނޫ މިއަދު ހެނދުނު އިސްރާއީލު ސިފައިން ފޭބި ފަހުން އެތަންތަން ބަލާ ފާސް ކުރުމުގެ ތެރެއިންނެވެ.

އެތަނުން ފެނުނު ހަށިގަނޑުތަކުގެ އަދަދު އިތުރު ވެދާނެ ކަަމަށް ބެލެވެއެވެ.

އަދި އެ ތަނުން ފަލަސްތީނުގެ އަންހެނަކާއި އޭނާގެ ދަރިންގެ ހަށިތައްވެސް ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި މީހުންގެ ހަށިގަނޑުތައް ފެނިފައި ވަނީ 20 ދުވަސް ވަންދެން އެތަނުގައި ހަަމަލާތައް ދީ، އިމާރާތްތައް ބިމާ ހަމަކުރި ފަހުންނެވެ.

ގުދުސް ނެޓްވޯކްއިން ބުނީ އެ ކޭމްޕަށް އަރައިގަތުގެ ތެރޭގައި އިސްރާއީލުން ދިން ވައިގެ ހަަމަލާތަކުގައި ޝަހީދުވި މީހުންގެ ހަށިގަނޑުތައް ބިމާހަމަކޮށްފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި ތިބޭތާ 20 ދުވަސް ވެއްޖެއެވެ.

މި މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޕެރެމެޑިކްސް އާއި މަދަނީ ދިފާއީ ޓީމުތަކަށް އަމާޒުކޮށްވެސް ނިރުބަވެރިންގެ ޓޭންކްއަކުން ވަނީ ހަމަލާދީ ބަޔަކު ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 36،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 79،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. ހަމާސްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، އިސްރާއީލް ސިފައިންގެ 600 އަށް ވުރެ ގިނަ ސިފައިން ވަނީ މަރާލައިފައެވެ.