ފްރާންސްގެ ހަތިޔާރު މައުރަޒުން އިސްރާއީލަށް ޖާގަ ނުދޭން ނިންމައިފިއެވެ.

އެ އިވެންޓް އިންތިޒާމްކުރާ ކޯގެސް އިވެންޓްސް އިން ބުނީ އަންނަ މަހު ޕެރިސް ކައިރީގައި އޮންނަ ވިލެޕިންޓޭގައި މިއަހަރު ބާއްވާ އަހަރީ ޔޫރޯސޭޓަރީ ހަތިޔާރާއި ދިފާއީ ސިނާއަތުގެ މައުރަޒުގައި އިސްރާއީލުގެ ކުންފުނިތަކަށް ބައިވެރިވުން ފްރާންސުން މަނާކޮށްފައިވާ ކަމަށެވެ.

ފްރާންސްގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ނިންމުމަކީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހަށް އިސްރާއީލުން ދެމުންދާ ހަމަލާއާ އެ ގައުމުން ދެކޮޅު ހެދުމާއި ގުޅިގެން ނިންމި ނިންމުމެކެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އެ ވުޒާރާއިން ބުނެފައި ވަނީ ރަފަހުގައި އިސްރާއީލުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޮން ގޮވާލައްވާ ދަނޑިވަޅެއްގައި އިސްރާއީލުގެ ކުންފުނިތައް މައުރަޒުގައި ބައިވެރި ކުރުމަށް ޝަރުތު ހަމަނުވާ ކަމަށެވެ.

ޖޫން މަހުގެ 17 އިން 21 އަށް ޕެރިހުގެ މައި ބައިނަލްއަގްވާމީ އެއާޕޯޓާ ކައިރީގެ ފެއާ ގްރައުންޑްތަކުގައި މި މައުރަޒު ބާއްވަން ނިންމާފައިވާއިރު، މީގެ ކުރިން އޮތް ގޮތުންނަމަ މި މައުރަޒުގައި އިސްރާއީލުގެ 74 ފާމުން ބައިވެރިވާން ނިންމިއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 10 ފާމަކީ ހަތިޔާރާއި ގުޅުން ހުރި ފާމްތަކެވެ.

މިދިޔަ ހަފުތާގައި އެކްޓިވިސްޓުންތަކެއް ގާނޫނީ އިންޒާރެއް ދީ، ޣައްޒާ ނުވަތަ ހިފާފައިވާ ފަލަސްތީނުގެ އެހެން ސަރަހައްދުތަކުގައި ހިންގާ "ޖަރީމާތަކުގައި" ބޭނުން ކުރެވޭނެ ހަތިޔާރު ގަތުމާއި ވިއްކުން ހުއްޓުވުމަށް ފިޔަވަޅުއެޅުމަށް ކޮގޭސްގެ ކިބައިން އެދިފައިވެ އެވެ.

ކޯޖެސް އޭއެފްޕީގެ ނިއުސް އެޖެންސީއަށް ބުނީ އެއީ ހަމައެކަނި ޑިފެންސް އަދި ސެކިއުރިޓީ އުފެއްދުންތަށް ދައްކާލަން ބާއްވާ މައުރަޒެއް ކަމަށާއި، އެއްވެސް ހާލެއްގައި އިސްރާއިލް އާއި އެކު ޑީލްތައް ހެދުމަށްކުރާ ކަމެއް ނޫންކަމަށެވެ.

މިއަދު މިކަން ހާމަކޮށްފައި މިވަނީ ރަފަހުގައި ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕަކަށް އިސްރާއީލުން ބޮން އަޅައި، ބައިނަލްއަގްވާމީ ނުރުހުން ފާޅުކޮށް އެ ގައުމުގައި ބޮޑެތި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ގައުމުގެ ރައީސް ވެސް ވަނީ އިޒްރޭލުން ދިން ވައިގެ ހަމަލާގައި ކޭމްޕްގައި 45 މީހުން ޝަހީދުވުމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.