އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމު ވީ އެންމެ އަވަހަށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ކެމަރޮން ރޭގައި ވިދާޅުވެއްޖެއެވެ.

އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓާލުމާ ގުޅޭ މަގުޗާޓެއް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިއުލާން ކުރައްވައިފައެވެ. ބައިޑަން ހުށަހެޅުއްވި މި މަގުޗާޓަކީ އިސްރާއީލްގެ ފަރާތުން ހުށަހެޅި މަގުޗާޓެކެވެ. މި މަގުޗާޓާ ގުޅޭ ގޮތުން ހަމާސް އިން އަދި ވަކި ގޮތެއް ނުނިންމައެވެ.

އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ކެމަރޮން ވިދާޅުވީ އިސްރާއީލްގެ ފަރާތުން އެމެރިކާގެ ރައީސް ހުށަހެޅުއްވި މަގުޗާޓަށް ހަމާސް އިން އެއްބަސްވާން ޖެހޭ ކަމަށެވެ. އަދި ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލަން ގޮވާލާ ކަމަށް ވެސް ކެމަރޮން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގޮވާލަން ހަނގުރާމަ ދާއިމީ ގޮތެއްގައި ގޮވާލަން، މި ފިޔަވަޅުތަކަށް ތަބާވެގެން. މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު،" ކެމަރޮން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ބައިޑަން ވެސް ވިދާޅުވީ، އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެވޭ ވަރަށް މިހާރު ހަމާސް ޖަމާއަތް ބަލިކަށިވެފައިވާ ކަމަށާއި، މި ދަނޑިވަޅަކީ ހަނގުރާމަ ހުއްޓާލަންވީ ވަގުތު ކަމަށެވެ. އެމެރިކާގެ ރައީސް ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ބޭނުންވާ މަގު ޗާޓް އިއުލާން ކުރައްވައިފައެވެ.

ބައިޑަން އިއުލާން ކުރެއްވި މަގުޗާޓް

ފުރަތަމަ ފިޔަވަހީގައި ހަ ހަފްތާ އަށް އިސްރާއީލުން ޣައްޒާއަށް ހަަމަލާތައް މެދުކަނޑާލަން ޖެހެއެވެ. މި މުއްދަތުގައި ޣައްޒާގެ ބައިބޯ ހުރިހާ ސަރަހައްދަކުން އިސްރާއީލްގެ ސިފައިން ފައިބަން ޖެހެއެވެ. އަދި މިހަފްތާ ތެރޭގައި ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ބައެއް އަސީރުން މިނިވަން ކުރަން ޖެހެއެވެ. އޭގެ ތެރެގައި އަންހެނުންނާއި މުސްކުޅިން އަދި ޒަހަމްވެފައިވާ މީހުން ހިމަނަން ޖެހެއެވެ. އެ މީހުންގެ ތެރޭގައި އެމެރިކާގެ އަސީރުން ހިމެނުން އެއީ މަޖުބޫރު ކަމެއް ގޮތުގައި ހިމަނާފައި ވެއެވެ. ހަމާސް އިން މިނިވަން ކުރާ މަދު އަސީރުންގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ އެތައް ބަޔަކު މިނިވަން ކުރަން ފުރަތަމަ ފިޔަވަހީގައި ހިމަނާފައި ވެއެވެ.

ދެވަނަ ފިޔަވަހީގައި ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ މަރުވެފައިވާ މީހުންގެ ހަށިތައް އިސްރާއިލަށް ފޮނުވަން ޖެހެއެވެ. މި ފިޔަވަހީގައި މަގުމަތިކޮށްފައިވާ ޣައްޒާގެ ހުރިހާ ރައްޔިތުންނަށް އެ މީހުން ނިސްބަތްވާ ސަރަހައްދުތަަކަށް ދިއުމަށް ފުރުސަތު ދޭން ޖެހެއެވެ. އޭގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ މީހުން ދިއުމަށް ދެކޮޅު ހަދާ ޣައްޒާގެ އުތުރު ސަރަހައްދުވެސް ހިމަނަން ޖެހެއެވެ. އަދި ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ އެހީގެ ތަކެތި ޣައްޒާއަށް ފޮނުވަން ޖެހޭއިރު، ބައިނަލްއަގްވާމީ އެކި ފަރާތްތައް މެދުވެރިވެ، ޣައްޒާއަށް އެތައް ލައްކަ ޓެންޓް ފޮނުވާ މީހުން ވަގުތީގޮތުން ދިރިއުޅެވޭ ގޮތް ހަދަން ޖެހެއެވެ.

ތިން ވަނަ ފިޔަވަހީގައި ޣައްޒާ އަލުން އާރާސްތު ކުރުމަށް ޕްލޭނެއް ހަދަން ޖެހެއެވެ. މި ފިޔަވަހީގައި ހަނގުރާމަ އެކީ ހުއްޓާލާ އިސްރާއީލުން މުޅި ޣައްޒާއިން ފައިބަން ޖެހެއެވެ. އަދި ހަމާސް އިން ހިފަހައްޓާފައިވާ ބާކީ ތިބި އަސީރުން މިނިވަން ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަމާސް

    ކަލޭމެން ބޭނުންވީމަ އަދި ތިހެން ހުއްޓައެއްނުލެވޭނެ..އަހަރުމެން ބޭނުންވީމަ ހުއްޓާލާނީ

  2. އިސްޢާފް ސަލީމް

    މުުސްލިމުންގެ ބަލަދުވެރި ފަރާތް ﷲ ، މުސްލިމުން ޙިމާޔަތްކުރައްވާނެ ތީން އެކަކު އަޅާނުއްޔަސް އިންޝާއަﷲ! އަނިޔާވެރިންނަށް އަނިޔުާވެރިވުމަށް ފުރުޞަތު ދެއްވުމަށްފަހު އެބައިމީހުންގެ ބާރު އެއްކޮށް ނެތިކުރައްވާ އެބައިމީހުން ވިއްސި ވިހާލިކުރައްވާ އެބައިމީހުންގެ ރަށްތައް ސުންނަފަތިކުރެއްވުމަށް އިރާދަކުރައްވައިފިހިނދު ހަމައެކަނި "ކުން " މިފަދައިން ވަޙީކުރައްވައެވެ.